ކްލަބުތަކަށް ވިޔަފާރީގެ ތެރެއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް ދަނީ ހޯދަމުން: ބައްސާމް

ދިވެހި ކްލަބުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މާލީ ހީނަރުކަން ކަމަށާއި އެކަން ހައްލުކޮށް މާލީ ގޮތުން ކްލަބުތައް ބާރުވެރި ކުރުމުގެ ގޮތުން ކްލަބުތަކަށް ވިޔަފާރީގެ ތެރެއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް މަގުފަހި ކުރެއްވޭތޯ އެފްއޭއެމް އިން މަސަތްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން ރޭ ގެނެސްދިން “ލެޓްސް ޓޯކް ފުޓްބޯލް” ޝޯގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ރާއްޖޭގެ ކްލަބު ތަކަށް ދިމާވެފައިވާ މާލީ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން ވިޔަފާރިކޮށް، ކްލަބުތައް އަމިއްލަ އަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދިނުމަކީ އެފްއޭއެމް އިން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ތެރޭ ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް ޓާގެޓް ކަމަށެވެ.

“މިހާރު މެނޭޖްމަންޓްގައި މަސަތްކަތް ކުރާ ގިނަ ބޭފުޅުންނަކީ ފުޓްބޯޅަ އަށް އޮންނަ ލޯތްބެއްގެ ސަބަބުން އެކަން ކުރައްވާ ބައެއް. އެހެންކަމުން ވިޔަފާރި މޮޑެލް އަކަށް ކްލަބްތައް ބަދަލުކޮށްފިނަމަ މެނޭޖްމަންޓް ގައި އުޅުއްވާ ބޭފުޅުންނަށް ވެސް މުސާރަ ލިބޭނެ. އެއާއެކު އެ ބޭފުޅުން ފުޓްބޯޅަ އަށް އެ ދެއްވާ ވަގުތު ގިނަވެ މިހާރަށްވުރެ ވެސް ފުރިހަމައަށް ކްލަބްތައް މެނޭޖް ކުރުމުގެ މަގުފަހިވެގެންދާނެ.”

މީގެއިތުރުން ބައްސާމް ވިދާޅުވީ މި މަހު ކުޅުންތެރިން ގޭގައި ތިބެ ފިޓްނަސްއަށް މަސައްކަތް ކުރާއިރު، އަންނަ ޖުލައި މަހުގެ ތެރޭގައި ހަ ކުޅުންތެރިންގެ ގްރޫޕްތަކުގައި ނިއު ނޯމަލްގެ ގައިޑްލައިނާ އެއްގޮތަށް ފަރިތަކުރުންތައް ފެށިގެންދާނެ ކަމަށެވެ.

އޮގަސްޓް މަހުގެ ތެރޭގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނު ހެދޭނެ ކަމަށާއި، އެފްއޭއެމްގެ ޓާގެޓަކީ އަދިވެސް އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށް ވުމާއެކު، ހާއްސަ ސަމާލުކަމެއް ގައުމީ ޓީމަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!