ގުރުއާން ޓީޗަރު އޭނާގެ ހަ ދަރިވަރަކަށް ޖިންސީ ގޯނާކުރި

މިދިޔަ ހޯމަ ދުވަހު އުތުރުގެ ރަށަކުން ހައްޔަރުކުރި ގުރުއާން ޓީޗަރު އޭނާގެ ހަ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަން ހާމަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި 28 އަހަރުގެ އެ ޓީޗަރުގެ ޝިކާރައަކަށްވީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިން ތަކެކެވެ. އަދި އެކަން އޭނާ ކޮށްފައި ވަނީ ކުދިން ކިޔަވަން ދިޔުމުންނެވެ.

ކުޑަކުދިންނާ ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެވެ އެވެ. އެ ފަދަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ ގާނޫނީ ކުށެކެވެ.

ކަން ހިނގި ގޮތް އެނގޭ މީހަކު ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި ރަށު ފެންވަރުގައި ބޮޑު އަދި އެކި މުބާރާތްތައް ވެސް ބާއްވާ އެ ގުރުއާން ކްލާހަށް ރަށުގެ ވަރަށް ގިނަ ކުދިން ކިޔަވަން ދެ އެވެ. އެތަނުގައި އެ ޓީޗަރުގެ އިތުރުން އެހެން ތިން ޓީޗަރަކު ކިޔަވައިދެ އެވެ.

“މިކަން ހިނގާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށާއި. އަނިޔާ ލިބުނު ބައެއް ކުދިން އެ ވާހަކަ ދެއްކުމުން ފަޅާ މި އެރީ،” އެ ރަށުގެ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓީޗަރު ކުދިން ހައްލައިލަނީ އެކި ކަހަލަ ހަދިޔާތައް ދީގެންނެވެ. އަދި އެކަމަށް އެ ކުދިންނާއެކު އޭނާ ގިނަ ވަގުތުތަކެއް ހޭދަކުރާކަން އެނގިފައިވެ އެވެ.

“ބައެއް މީހުން ގަބޫލުކުރާ ގޮތުން އޭނާ އެ ފަދަ ކަމެއް ނުކުރާނެ. އެހާ ވެސް އަހުލާގު ރަނގަޅު މީހެއް ކަމަށް ވަނީ. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ ދެން އެތަނަށް ކިޔަވައިދޭން އެއްވެސް ބެލެނިވެރިޔަކު ކުދިން ފޮނުވާނެހެނެއް،” ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރަށު މިސްކިތުގައި އިމާމުވެ ނަމާދުކުރާ އަދި ހުތުބާ ވެސް ދޭ މީހެކެވެ.

ގުރުއާން ޓީޗަރު 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަމުރު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!