އެމެރިކާ ފުލުހުން މަރާލި ޖޯޖް ފްލޮއިޑް ވަޅުލައިފި

މީގެ ދެހަފްތާ ދުވަސް ކުރިން އެމެރިކާ ފުލުހުން މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް އޭނާގެ އުފަން ސިޓީ ކަމަށްވާ ހޮސްޓަންގައި ރޭ ވަޅުލައިފި އެވެ.

ފްލޮއިޑް ވަޅުލާފައި ވަނީ ހިއުސްޓަން މެމޯރިއަލް ގާޑަން ސަހަރާގައި އޭނާގެ މަންމަ ވަޅުލާފައި އޮތް ތަނާ ޖެހިގެންނެވެ. ފްލޮއިޑުގެ ސަންދޯއް ފައުންޓެއިން އޮފް ޕްރެއިޒް ފައްޅިން ނެރެގެން މެމޯރިއަލް ގާޑަން އަށް މޮޓޯގޭޑުގައި ގެންދިޔަ އިރު އާއްމުންގެ އެތައް ބަޔަކު މަގުތަކަށް ނުކުމެ ވަނީ އޭނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފަ އެވެ.

ފްލޮއިޑް އާއި ދެކޮޅަށް ފުލުހުން އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުން ކުރީ އޭނާ އަކީ ކަޅު ނަސްލުގެ މީހަކަށް ވާތީ ކަމަށް ތުހުމަތު ކުރެވެއެވެ. ފްލޮއިޑުގެ މަރާ އެކު ނަސްލީ ތަފާތު ކުރުން ނައްތާލުމަށް އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއް ފަށައިފަ އެވެ.

އޭނާ މަރާލީ އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ފައިން އަރައިގެންނެވެ. ކަރަށް ފައިން އެރުމުގެ އިތުރުން އިތުރު ދެ ފުލުހަކު ވެސް ފްލޮއިޑްގެ ގައި މައްޗަށް އަރައި ތިއްބެވެ. ފްލޮއިޑްގެ ކަރަށް ފައިން އަރައި އިން ފުލުސް އޮފިސަރުގެ މައްޗަށް މިހާރު ވަނީ ދެވަނަ ދަރަޖައިގެ މަރުގެ ދައުވާ ކޮށްފައެވެ. އަދި އިތުރު ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މަރާލުމުގައި އެހީތެރިވުމާއި، އެއްބާރުލުން ދިނުމުގެ ދައުވާ ކޮށްފައެވެ. ހަތަރު މީހުން ވެސް ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!