ސްކޫލްތައް ހުޅުވުމުން ދެންވީ ކިހިނެއް؟

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ސްކޫލްތަކުގައި ކިޔަވައި ދިނުން ވަނީ މެދުކެނޑިފައެވެ. ސްކޫލްތައް ހުޅުވި ވަރަށް ގިނަ ގައުމުތަކުން ސްކޫލްތައް ވަނީ ބަންދު ވެސް ކޮށްފައެވެ. ބައެއް ޤައުމުތަކުން ވަނީ ސްކޫލް ހުޅުވާ ތާރީޚް ފަސްކޮށްފައެވެ. މި ގޮތަށް އަމަލު ކޮށްފައިވަނީ ކޮވިޑް19 ގެ ބިރުވެރިކަން އަދިވެސް ފިލާ ނުދާތީއެވެ.

މި ރިޕޯޓްގައި ބައެއް ޤައުމުތަކުން މިކަމުގައި އަމަލު ކުރަމުންދާ ގޮތަށް ބަލާލާނަމެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަމުގެ މައްޗަށް ބަލައިލާނަމެވެ.

ސިންގަޕޫރް

ސިންގަޕޫރަކީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ރަނގަޅަށް ފިޔަވަޅުތައް އަޅަމުންއަންނަ އަދި އަހްލާޤީ ގޮތުން ރަނގަޅު އާބާދީއެއް އޮންނަ ގައުމެކެވެ. އެގައުމުން ބައްޔަށް މީހުން ޓެސްޓްކުރި އަވަސްމިނުގައި ދުނިޔޭގައި ޓެސްޓް ކޮށްފައިވަނީ ވަރަށްވެސް މަދު ގައުމެއްގައެވެ. ސްކޫލްތައް ސިންގަޕޫރުގައި ހުޅުވާފައިވަނީ ވަރަށް ބޮޑެތި ޚަރަދު ތަކެއް ކޮށް ވަރަށް ބޮޑަށް ދަރިވަރުންގެ ރައްކާތެރި ކަމަށް ބަލައިގެންނެވެ. ނަމަވެސް 7 ޖޫންގައި 4 ދަރިވަރެއް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ސްކޫލް މުއައްޒަފެއް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މި ޕޮޒިޓިވް ވި މީހުންގެ ފަރާތުން އިތުރު ބަޔަކަށް ބަލިޖެހިފައިވޭތޯ މިހާރު ބަލަމުންދާއިރު އިތުރު ބަޔަކަށް ޖެހިފައިވާނަމަ އެ ސްކޫލްތައް ބަންދު ކުރުމަށް ސިންގަޕޫރު ސަރުކާރުން ވަނީ ނިންމާފައެވެ.

ސެނަގަލް

އެފްރިކާގެ ސެނަގަލް ގައި ޖޫން 2 ގައި ސްކޫލްތައް ނިއު ނޯމަލް އާއި އެއްގޮތަށް ހުޅުވުމަށް ތައްޔާރުވެފައި އޮތް ނަމަވެސް މިހާރު ވަނީ ސްކޫލްތައް ނުހުޅުވުމަށް ނިންމާފައެވެ.

މެލޭޝިއާ

މެލޭޝިއާގައި އަދި ސްކޫލްތައް ހުޅުވަން ނުފަށައެވެ. ސްކޫލްތައް ހުޅުވުމުގެ ވާހަކަ މެލޭޝިއާގައި ދެކެވެމުންދާއިރު އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ދަނީ ސްކޫލްތަކަށް ފޯރުކޮށްދެމުންނެވެ. މި ގޮތުން ސެނެޓައިޒާ އާއި, މާސްކާއި, ތާރމަލް ސްކޭނާރސް ފަދަ ތަކެތި ދަނީ ހޯދައި ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ.

ޔޫކޭ ނޯތްވެސްޓް

އިނގިރޭސި ވިލާތުގައި ނޯތްވެސްޓްގައި ސްކޫލް ހުޅުވުމަށް ތައްޔާރުވެފައި ވީ ނަމަވެސް މިހާރު ވަނީ ސްކޫލްތައް ހުޅުވުން ލަސްކޮށްފައެވެ. އިނގިރޭސި ވިލާތުގެ އެހެން ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް ސްކޫލްތައް 1 ޖޫން އިން ފެށިގެން ހުޅުވި ނަމަވެސް %50 އިންސައްތަ ކުދިންވެސް ސްކޫލްތަކަށް ނުފޮނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލް

ސްކޫލްތައް އިސްރާއީލްގައި ހުޅުވުމުން އެތައް ބަޔަކަށް ބަލިޖެހުމުގެ ނަތީޖާއެއް ގޮތުން މިހާރު 10,000 ވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން ވަނީ ކަރަންޓީނު ކުރެވިފައެވެ. އިސްރާއީލްގައި ސްކޫލް ހުޅުވުނީ އެންމެ 2 ހަފްތާއަށެވެ. އެ ދުވަސްކޮޅުގައި އެތައް ދަރިވަރުންނެއް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.

ނެދަލަންޑް

ނެދަލަންޑުގައި ދަރިވަރުން މަދުކޮށް, ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ދަނިކޮށް ވަނީ 7 ދަރިވަރުންނާއި 2 ޓީޗަރުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އެހެންކަމުން ނެދަލަންޑުގެ ބައެއް ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފައެވެ.

ޑެންމާކް

ޑެންމާކަކީ ރައްޔިތުން ވަނީ ލޮކްޑައުންގައި ސަރުކާރުގެ އެންގުންތަކަށް ވަރަށް ބޮޑަށް ބޯލަނބައިގެން, ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދީގެން ކޮވިޑް19 އިން އަރައިގަތުމަށް މަސައްކަތް ކޮށްފައެވެ. ޑެންމާކުން ސްކޫލް ހުޅުވާލީ 2 ހަފްތާއަށް ދަރިވަރުން ބަހާލައިގެންނެވެ. އެއް ހަފްތާގައި އެއް ބަޔަކު އަންނަ އިރު, ޖެހިގެން އަންނަ ހަފްތާގައި ސްކޫލަށް ހާޒިރުވަނީ ބާކީ ތިބި ކުދިންނެވެ. ސްކޫލުގައި ކޮންމެ ކުއްޖަކު އިންނަނީ އެކަކު އަނެކަކާއި 1 މީޓަރު ދުރުގައެވެ. މާސްކު އެޅުން މަޖުބޫރު އިރު, ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ވަނީ އަޅާފައެވެ. ޑެންމާކުގައި ސްކޫލް ހުޅުވާލިތާ މިވީ އެއް މަހެވެ.

މާލީ

މާލީގައި ޓީޗަރުން ދަނީ ސްކޫލްތައް ހުޅުވުމާއި ދެކޮޅަށް އިހްތިޖާޖް ކުރަމުންނެވެ. މާލީގައި ސްކޫލް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާކަމަށް ނޫސްތަކުން މައުލޫމާތު ދެއެވެ. އަދި ބަލިޖެހިފައި މިހާރު ވަނީ ކިހާ ދަރިވަރުންނަށް ކަމެއް ސާފެއް ނުވެއެވެ.

ސައުތު ކޮރެއާ

ސައުތު ކޮރެއާ އަކީ ވެސް ކޮވިޑް19 އިން ސަލާމަތް ވުމަށް ޚަރުދަނާ ފިޔަވަޅުތަކެއް އެޅި ގައުމެކެވެ. ސައުތު ކޮރެއާއިން ވަނީ 500 އަށް ވުރެ ގިނަ ސްކޫލް ހުޅުވުމަށް ފަހު ބަންދު ކޮށްފައެވެ. އަދި 838 ސްކޫލެއް ހުޅުވުން ވަނީ ލަސްކޮށްފައެވެ. ސައުތު ކޮރެއާއިން ސްކޫލްތައް ހުޅުވާފައިވަނީ ހަރުދަނާ ފިޔަވަޅުތަކަކާއި އެކުއެވެ. ސައުތު ކޮރެއާގައި 6 އަހަރުގެ ކުޑަކުއްޖެވެސް ވަނީ ސްކޫލުން ޕޮޒިޓިވް ވެފައެވެ.

ފިލިޕީންސް

ފިލިޕީންސްގެ ރައީސް އަންގާފައިވަނީ ކޮރޯނާ ވައިރަސް އަށް ވެކްސިން އެއް ލިބުމުގެ ކުރިން އެއްވެސް ސްކޫލެއް ނުހުޅުވޭނެ ކަމަށެވެ. ފިލިޕީންސް ގައި މާރިޗްގައި ސްކޫލް ބަންދު ކޮށްފިއެވެ.

ފިންލޭންޑް

ފިންލޭންޑަކީ ތައުލީމު ދިނުމުގެ ރޮނގުން ވަރަށް ކުރި އަރާފައިވާ ގައުމެކެވެ. ފިންލޭޑުންގައި ކިޔެވުން ފެށީ މޭއި މަހުގެ މެދުތެރޭގައެވެ. ޓީޗަރަކަށް ކޮވިޑް19 ޖެހުމާއި ގުޅިގެން 11 ކުދިން ވަނީ މޭއި 19 ގައި ކަރަންޓީން ކޮށްފައެވެ. މީގެ އިތުރުން ހަމަ މޭއި މަހު ވަނީ އިތުރު 2 ކުދިންނަށް ކޮވިޑް19 ޖެހިގެން އެތައް ބަޔަކު ކަރަންޓީން ކޮށްފައެވެ.

ސްކޫލްތަކުގައި އިޖުތިމާޢީ ގައިދުރުކަން ކުޑަ

ދުނިޔޭގެ ހުރިހާ ގައުމުތަކަށްވެސް ސްކޫލް ހުޅުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑަބްލިއުއެޗްއޯގެ ގަވާއިދުތަކަށް ފެތޭހެން ހަރަކާތްތެރިވާނޭ ނުވަތަ ކިޔަވާދެވޭނޭ މާހައުލެއް ސްކޫލްތަކުގައި ނެތުމެވެ. ސްކޫލްތައް އިމާރާތް ކޮށްފައި ވަނީ އެކީގައި ތިބެ ކިޔެވުމަށެވެ. އިޖުތިމާޢީ ގައިދުރުކަމާއި ސީދާ ދެކޮޅަށެވެ. ސްކޫލްތަކަށް ދަރިވަރުން ގޮސް, ގައިދުރުކޮށް ތިބޭނޭ އެއްވެސް ޖާގައެއް ނޯންނާނެއެވެ.

ޓީޗަރުންގެ ތެރޭގައި ހައި ރިސްކު މީހުން

ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. އަދި ދާއިމީ ބަލިތައް ހުންނަ ފަރާތްތައްވެސް ހިމެނެއެވެ. އެއީ މި ބަލިޖެހިއްޖެ ނަމަ ރިސްކު ބޮޑުވެ ބަލިން ފަސޭހަ ވުމުގެ ފުރުސަތު ކުޑަ ބައެކެވެ. ކިޔަވައިދިނުމަށް ޓީޗަރުން ނުކުންނަ ހިސާބުން ހުރިހާ ޓީޗަރުންވެސް ހިމެނިގެން ދާނީ ފްރޮންޓްލައިން ގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. ފްރޮންޓް ލައިން ގައި މަސައްކަތްކުރާ ކޮންމެ މީހަކީވެސް ބަލި ޖެހުމުގެ ރިސްކު ބޮޑު މީހަކެވެ. އެހެންކަމުން ހުރިހާ ޓީޗަރުންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައް ތައްޔާރުވެފައި ހުންނަށް ޖެހެއެވެ.

ސްކޫލްތައް ހުޅުވުމަކީ ޚަރަދު ބޮޑުކަމެއް

ސްކޫލެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ހުޅުވުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހެއެވެ. މިގޮތުން ހުރިހާ ދަރިވަރަށް ބޭނުންވާ ވަރަށް ސެނެޓައިޒަރ, ޑިސްއިންފެކްޓް ކުރާ ވައިޕާއި, އަންގިއާއި, މާސްކާއި, ނޯ ޓަޗް ތަމޯމީޓަރުތަކާއި, އޮކްސިމީޓަރާއި, ހަމަކޮށް ހުންނަށް ޖެހެއެވެ. މީގެ އިތުރުން ސްކޫލްތައް ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ މުއައްޒަފުންނާއި, ނަރުހުން ތިބެންޖެހެއެވެ. މިއީ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތަށް ކޮންމެހެން ބޭނުންވާ ތަކެއްޗެވެ.

ސަރުކާރުން މި ހުރިހާ ޚަރަދެއް ކުރާނަމަ އެއީ ގާތްގަނޑަކަށް ކޮންމެ ކުއްޖަކަށް 490 ޑޮލަރު ކަމަށް އެމެރިކާއިން ހަދާފައިވާ ހިސާބުތަކުން ދައްކައެވެ. 90,000 ހާހުގެ ދަރިވަރުންގެ އާބާދީއަކަށް އެއީ 44 މިލިއަން ޑޮލަރުގެ ބޮޑު ޚަރަދެކެވެ. މިއީ ގައުމުތަކުގައި ބަޖެޓް ކުރެވިފައިވާ ޚަރަދުތަކަކަށް ނުވާއިރު, ޚަރަދު ތަކެއް ނުކޮށް ސްކޫލްތައް ހުޅުވައިގެން ދަރިވަރުންގެ ރައްކާތެރިކަން މިހާރު މިއޮތް ހާލަތުގައި ކަށަވަރު ކުރުން ވެގެން ދާނީ ދަތިކަމަކަށެވެ.

ސްކޫލްތައް ހުޅުވުމަކީ ދެވަނަ ރާޅެއް އަތުވެދާނެ ސަބަބެއްބާ?

6 ޖޫން ގައި ބީބީސީ އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ސްކޫލްތައް ހުޅުވާލުމުން ކޮވިޑް19ގެ ދެވަނަ ރާޅެއް އަތުވެދާނޭކަމަށް ލަފާކޮށްފައި ވެއެވެ. މި ރިޕޯޓް އެކުލަވާލާފައި ވަނީ ތަޖުރިބާކާރުންގެ އިންޓަވިއުތަކާއި, އެކި ރިސާރޗް މޮޑެލްތައް ބޭނުން ކޮށްގެންނެވެ. މި ލިޔުމުގައި ދެވަނަ ރާޅަކުން ސަލާމަތްވުމަށް ޓެސްޓްތައް ހަދަންވީ ގޮތާއި ކޮންޓަކްޓް ޓްރޭސިންގ ހަދަން ޖެހޭ މިންވަރު ބަޔާން ކޮށްފައިވެއެވެ. އެ މިންވަރަށް ދުނިޔޭގެ ބައެއް ޤައުމުތަކަށް ޓެސްޓްކޮށް ޓްރޭސް ކުރުމުގެ ގާބިލުކަން އަދި ލިބިފައި ނުވެއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ރައްކާތެރި ކަމުގެ ހަރުދަނާ ފިޔަވަޅުތަކާއި, އަދި ސާފުތާހިރު ކަމުގެ މުހިންމު ފިޔަވަޅުތަކާއި އެކު ތަފާތު ފޭސްތަކަކަށް ބަހާލައިގެން ސްކޫލްތައް ހުޅުވުން އެންމެ ރަނގަޅުކަމަށް ބުނެފައެވެ. ނަމަވެސް ޑަބްލިއު އެޗްއޯ އިން މިކަމުގައި ރިސްކް އޮތްކަމަށް އިއުތިރާފް ވެއެވެ. ކަން މިހެން އޮތް އިރު ޑަބްލިއުއެޗްއޯ އަށް މިކަމުގައި ފާޑުކިޔުންވެސް ދަނީ ރައްދު ވަމުންނެވެ. މާސްކް އެޅުމަކީ މުހިންމު ކަމެއް ނޫންކަމަށް ދޭހަވާ ގޮތަށް ޑަބްލިއު އެޗްއޯއިން ވާހަކަ ދެއްކި ބޭފުޅާ މިއަދު ސްކޫލްތައް ހުޅުވުން އެންމެ ރަނގަޅުކަމަށް ބުނުމުން އެކަމާއި މެދު ސުވާލު އުފައްދާ ފާޑު ކިޔާ ފަރާތްތައް މަދެއް ނޫނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!