ވާހަކަ: ކަޅުވިލާ – މުހައްމަދު ޤާސިމް

(ހޯމަދުވަހުގެ ބަޔާ ގުޅޭ)

ދަންބެރަށްވުރެ ތަގުޑިދިގުނުކުރަމާ ހިނގާށެވެ! ކޮންމެއަކަސް އެ ދުވަހުގެ ނުރައްކާތެރި ހާދިސާއަށްފަހު ރޮބްސަންގެ އަނިޔާވެރި މޫނު ނުފެންނަތާ ގާތްގަނޑަކަށް ދެ ދުވަސްވަރު ފާއިތުވެ ހިނގައްޖެއެވެ. ގަވާއިދުން ކާންލިބެއެވެ. ކޮންމެ ފަހަރަކު ވެސް ކާންގެންނަނީ ކުރީދުވަހު ކާންގެނައި ކުއްޖާއެވެ. އެހެންކަމުން އެ އަންހެން ކުއްޖާއާ ކޮންމެވެސް ވަރަކަށް މިހާރު ރައްޓެހި ވެސް ވެވިއްޖެއެވެ. އެއީ ވަރަށް އާދަޔާޚިލާފު ކުއްޖެކެވެ. މޫނުމަތިން ފެންނަނީ އޯގާވެރިކަމާއި، ގާތްކަމުގެ އަސަރެވެ. ނަމަވެސް ހަރަކާތްތަކާއި ބަސްމަގުގައި ހުންނަނީ ހަރުކަށިކަމެވެ. ރުޅިވެރިކަމެވެ. ހީވަނީ ކޮންމެވެސް ކަހަލަ މަޖުބޫރެއް ހެންނެވެ. އެހެންކަމުން އެކުއްޖާއާ ދޭތެރޭ ވަރަށްބޮޑަށް އަހަންނަށް ވިސްނާން ޖެހުނެވެ.

މި ދުވަސްކޮޅަކީ ވަރަށް އަމާން ދުވަސްކޮޅެކެވެ. ނަމަވެސް އެހެނޭ ކިޔާފައި އަހަރެންގެ ހިތަކަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. އަބަދުވެސް އިންނާން ޖެހެނީ ބިރުވެރި އޯޑަރެއްގެ ނުރައްކާތެރި އިންތިޒާރެއްގައެވެ.

ލަފާކުރެވޭގޮތުން މިއަދަކީ އެހާދިސާ ހިނގިތާ ތިންވަނައަށް ނުވަތަ ހަތަރުވަނައަށްވީ ދުވަހެވެ. އާދައިގެމަތިން ކައިގެން އެނދުގައި އޮށޯވެލައިގެން އޮއްވާ، އަހަންނަށް ނިދިއްޖެއެވެ. ގިނައިރުތަކެއް ނުވެ ސިހިފައި ހޭލެވިއްޖެއެވެ. ކޮންމެވެސް މީހަކު އަހަރެން އުފުލާލުމުންނެވެ. އެއިރު އަހަންނަށް އޮވެވުނީ އެމީހެއްގެ ކޮނޑުމަތީގައެވެ. ގަތް ބިރުން ހަޅޭއްލަވައިގެންފައި ތެޅެގަނެވުނެވެ. ނަމަވެސް އަހަރެންގެ ހަޅޭކަކުން، ތެޅިފޮޅުމަކުން، އެ މީހާއަކަށް އެއްވެސް ދަތިކަމެއް ލިބުނުހެނެއް ހިއެއްނުވެއެވެ. އެ މީހާ ކުރިއަށް ހިނގައިގަތުމާއެކުހެން ކޮޓަރިތެރެ އަނދިރިވެއްޖެއެވެ.

ވާންއުޅޭގޮތް އަހަންނަށް ލަފާކޮށްލެވުނެވެ. ހަމައެއާއެކު ބާރަށް ރޮއިގަނެވުނެވެ. ނަމަވެސް އަހަރެންގެ ރުއިމަކަށް އެ މީހާ ސަމާލުކަމެއް ނުދެއެވެ. އެ މީހާގެ ކޮނޑުމަތީގައި އަހަރެން ބާއްވައިގެން، އަނދިރީތެރޭގައި ތިރިއާއި މައްޗަށް އެގޮތްމިގޮތަށް ދިގުދަތުރުތަކެއް ކުރުމަށްފަހު، ކޮންމެވެސް ތަނެއްގައި ބަހައްޓައިފިއެވެ. އިރުކޮޅަކުން އެ ތަނަށް ވެރިވެފައިވާ އަނދިރިކަން އަލިކަމަށް ބަދަލުވެއްޖެއެވެ. އަހަންނަށް އަވަސްއަވަހަށް އެކި ދިމާއަށް ކަޅި ހިންގައިލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

އަހަންނަށް ހުރެވުނީ، އަޖައިބެއް ކަހަލަ ތަނެއްގައެވެ. ފާޑެއްގެ ދަޅަގަދަ ބިއްލޫރިއަކުން ހަދާފައިވާ، ހަތަރުބިތް އެއްވަރު ބޮޑު ހޯލެއް ކަހަލަ ތަނެކެވެ. އެބިއްލޫރި އެކި ފަހަރު އެކި ކުލައަށް ބަދަލުވަމުންދެއެވެ. އެ ތަނަށް ވަދެނިކުމެ ވާނެ ދޮރެއް ނެތެވެ. އެ ފަދަ ރޮނގެއް، ކޫރުމެއްހައި ހިސާބު ވެސް ފެންނާކަށް ނެތެވެ. އެއް ކަނެއްގައި ދެ ފޫޓު ދެފޫޓު ހުންނަ ވަރުގެ ކުޑަކުޑަ ގޮޅިއެއްކަހަލަ ތަންކޮޅެއް، އެތެރެ ނުފެންނަ ބިއްލޫރިއަކުން ތައްޔާރުކޮށްފައި ހުއްޓެވެ. ދަތިނުވެ އެކަކަށް ވަދެވޭވަރުގެ ކުޑަކުޑަ ދޮރެއް އެ ތަނުގައި ހުއްޓެވެ.

އަހަރެން ބަހައްޓާފައި ހުރީ އެ ތަނުގެ ގާތްގަނޑަކަށް މެދެއްހައި ހިސާބުގައެވެ. ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ހުރި އިރު އަހަންނަށް ހުރެވުނީ އެކި ފަހަރު އެކި ދިމާއަށް ބަލަ ބަލައެވެ. ގިނަ އިރުތަކެއް ނުވެ، އެ ތަނުގެ އަލި، ވަރަށް ފަނޑުއައްޔަކަށް ބަދަލުވެއްޖެއެވެ. އެއާއެކު ފެނުނީ ހުތުރު ސިފައަކަށްތިބި ތިން ފިރިހެނުން އަހަންނާ ދިމާއަށް އަންނަތަނެވެ. އެއިން ކޮންމެ މީހަކު ވެސް ލައިގެންހުރީ ކުރު ސޯޓެކެވެ. އެ ތިން މީހުން އައިސް އަހަރެންގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ބަލަންފެށި ގޮތުން ހީވަނީ ހަމަ ދެންމެދެންމެ އަހަރެންގެ ގައިގައި ހިފައިގެންފާނޭ ހެންނެވެ.  އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ.

ކުއްލިއަކަށް އެ ތަނުން ދެ މީހަކު، އަހަރެންގެ ދެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިފިއެވެ. އަހަންނަށް ހަޅޭއްލަވައިގަނެވުނީ، ވީތަދެއްގެ ބޮޑުކަމުން އެކަންޏެއް ނޫނެވެ. ބިރުގަތްލެއް ވެސް ބޮޑުކަމުންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އެމީހުން އަހަރެން ގެންގޮސް ބިއްލޫރި ފާރާއެކު ހަތަރެސްފައިގައި ހިލިހިލާ ޖަހައިފިއެވެ. އަތެއް ފަޔެއް  ގުޑުވާ ވެސް ނުލެވުނެވެ. ކުރެވުނުހައި ވެސް ކަމަކީ ރުއިމެވެ.

އިރުކޮޅަކުން އެ ތަނުގައި ހުރި އަނެއްމީހާ ގޮސް ވަނީ އެއްކަލަ ކުޑަ ބިއްލޫރި ގޮޅިއަށެވެ. އޭނާ އެ ތަނަށް ވަންތާ މާގިނައިރެއް ނުވެއެވެ. ކުރިމަތިން ފެންނަންހުރި ބިއްލޫރިފާރު ކެހިގެން ހުރިގޮތަށް މައްޗަށް އަރައިފިއެވެ. މާތްކަލާކޯއެވެ! އަހަންނަށް ބޭއިޚުތިޔާރުގައި ލޯ މަރައިލެވުނެވެ. އެ ފަދަ މަންޒަރެއް ދެވަނަ ފަހަރަށް ނުދައްކަވައިފީވިއްޔާ ހާދަހައި ރަނގަޅެވެ. އަހަންނަށް ދެ ލޯ މަރައިލެވުނެވެ.

އަހަރެންގެ ގާތުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު އަހަރެންގެ މޫނުމަތީގައި ވަރުހުރި ބޮނޑިއެއް އެޅުމަށްފަހު، ގަދަ އަޑުން އެންގީ އެ މަންޒަރު ބެލުމަށެވެ. ޖެހިލެއް ބާރުކަމުން، މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ވީތަދެއްގެ ބޮޑުކަމުގެ ވާހަކަ ބުނެދޭން ވެސް ނޭނގެއެވެ. މަޖުބޫރުވީ ލޯ ހުޅުވާށެވެ. އެ ރަޙުމެއްނެތް މަންޒަރު ބަލާށެވެ. އެހެން ދިމާއަކަށް ކަޅިހިންގައިލިޔަސް އެ ފަދަ ހޫނު އަނެއް އެތިފަހަރު ހަށިގަނޑުގެ ކޮންމެވެސް ދިމާއަކަށް އަރުވާލާނޭކަން އެނގޭތީއެވެ.

އާއެކެވެ! އެ ދުވަހު އެ ފެނުނު މަންޒަރުގެ ހިތިހަނދާންތަކުން މިހާރުވެސް އަހަރެންގެ ހިތް ރޮއްވާލައެވެ. އެއީ އަޖައިބެއް ކަހަލަ ރީތި އަންހެން ކުއްޖެކެވެ. އޮތީ ހިލަ ތަޅުންގަނޑެއް މައްޗަށް އެއްލައިލާފައެވެ. އެއްވެސް ނިވާކަމެއްނެތިއެވެ. އެ ކުއްޖާ ގިސްލަގިސްލާ ރޮމުން ގެންދިޔައެވެ. ވަރަށް ބޮޑު ވޭނެއް ތަޙައްމަލު ކުރަމުން ގެންދާކަން އެނގެއެވެ.

ކުޑައިރުކޮޅަކުން ފެނުނީ ކަޅު ބިޔަ ހަތަރު ފިރިހެނުން، އެ ކުއްޖާގެ ގާތަށް އައިސް ހުއްޓުނު ތަނެވެ. އެމީހުން ވެސް ތިބީ އެ އަންހެން ކުއްޖާއެކޭ އެއްގޮތަށެވެ. ނިވާކަމެއް ނެތިއެވެ. އަހަރެން އެ މަންޒަރު ބަލާކަށް ހަމަ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު…….

އެ ހަތަރު ފިރިހެނުން އެ ކުއްޖާއާ ދިމާއަށް ބަލަން ކުޑައިރުކޮޅަކު ތިބުމަށްފަހު، އެ ކުއްޖާގެ ހަތަރެސްފައިގައި ހިފައި ނަގައިފިއެވެ. ކިހިނެއް ހަދަންކަމެއް ވެސް ނޭނގެއެވެ. އެ މީހުން އެ ކުއްޖާ ނެގިގޮތަށް ނަގައި، އަތުކޮޅަށް ދަމައިލުމަށްފަހު ދޫކޮށްލީއެވެ. ސުބުޙާނަﷲ އެވެ! އެ ހަރު ހިލަތަޅުންގަނޑު މައްޗަށް އައިސް ޖެހުމާއެކު، ވޭނުން ފުރިފައިވާ އަޑަކުން އެ ކުއްޖާ ހަޅޭއްލަވައިގަތްއަޑު އަހަރެންގެ ކަންފަތާ ހަމައަށް ވެސް ފޯރިއެވެ.

އަހަންނަށް ވީގޮތް ވެސް ނޭނގުނެވެ. ގަޔަށް ފާޑެއްގެ ހީލިގަނޑެއް އަރައިގެން ދިއުމާއެކު، ހަޅޭއްލަވައި ގަނެވުނެވެ. އެ ވަގުތު އަހަރެންގެ ގާތުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު، އަހަރެންގެ އަނގަމައްޗަށް އޭނާގެ އަތުން ހޫނު އެތިފަހަރެއް އަރުވާލައިފިއެވެ. ވީތަދާއެކު އިހުނަށްވުރެ ބާރަށް ރޮއިގަނެވުނެވެ. އެއާއެކު އަނގައިން ލޭ ފައިބައިގަތްތަން ފެނުނެވެ.

އެ އަންހެންކުއްޖާ ތަޅުމުގެ މައްޗަށް ޖެހުނުގޮތަށް، ގުޑުމެއް ވެސް އަރުވާނުލައި އޮތެވެ. އެ ތަނުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ގުދުވެ، އެ ކުއްޖާގެ ދެ އަތުގައި ހިފައި، ކޮޅަށް ނެގިއިރު، އެ ކުއްޖާގެ މޫނުމަތި ރަތްވެފައިވަނީ، ހުސްލެއިންނެވެ. އެ ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. ހީވަނީ ހެއިވެރިކަން ނެތީހެންނެވެ. މަރުވީ ކަމަށް ވެސް ވެދާނެއެވެ.

އެ ތަނުގައި އެ ތިބީ އިންސާނުން ބާވައެވެ؟ އަނިޔާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. ރަހުމާއި ހަމްދަރުދީގެ ކުނޑިފުކެއް ވެސް ނެތެވެ. އެއަންހެން ކުއްޖާ އެފަދަ ހާލެއްގައި ވަނިކޮށް، އެމީހުން އެ އުޅެނީ……. މާތްކަލާކޯއެވެ! އަހަރެން ބިރުން އަވަދިވާވަރު ވެއްޖެއެވެ. އިތުރަށް ގަންނާނޭ ބިރެއްނެތެވެ. އެ މީހުންގެ އެހަޑި މުޑުދާރު އަމަލައިގެން ކުރިއަށްދާން ފެށުމާއެކު، އަހަންނަށް އެ މަންޒަރު ބަލާން ނުކެރިގެން، އިސްދަށަށް ޖަހައިލެވުނެވެ. ހަމަލާ އެރީ ކަންކަށްޓަށެވެ.

އެ މީހުން ކުރާނެކަމެއް ކޮށްފައި، އަލާ ކެނޑުމުން، އެ ކުއްޖާ ތަޅުންގަނޑު މައްޗަށް އެއްލާލައިފިއެވެ. އަދިވެސް އެކުއްޖާ ހެއި އެރިހެނެއް ހިއެއްނުވެއެވެ. ލެއިން ތަތްތެޅިފައި އޮތް އެ ނިކަމެތި ހަށިގަނޑަށް، އެއްވެސް ހަރަކާތެއް އަންނަތަނެއް ނުފެނެއެވެ.

މިހާރު އެ ހަތަރު މީހުން އިންތިޒާރު ކުރަމުން އެ ގެންދަނީ، އެ ކުއްޖާ ހޭއަރާނޭ ވަގުތަކަށްކަން ނޭނގެއެވެ. އެ މީހުން ކޮންމެ މީހަކު، ސިނގިރެޓެއް ރޯކޮށްލައިގެން ދުން އަރުވަން އެތަނުގައި ތިއްބެވެ.

ވިއްސަކަށް މިނެޓްފަހުން، އެ ކުއްޖާގެ ހަށިގަނޑަށް ކުޑަ ހަރަކާތެއް އައިތަން ފެނުނެވެ. ހޭއެރީ ވެސް ތޯއްޗެކެވެ. ނަމަވެސް މިހާރު އެކުއްޖާގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އޭނާގެ އަތުގައި ރައްކާކުރެވިފައި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ އެކައްޗެއް ވެސް ނެތެވެ. ހުރިހައި އެއްޗެއް އެތިބަ ހަތަރު ޝައިޠާނުން ފޭރިގެންފިއެވެ.

އަދިވެސް އެ ކުއްޖާ ދޫކޮށްލާކަށް އެ މީހުން ނޫޅެއެވެ. ހޭ އެރުމާއެކު، އަނެއްކާވެސް ދެ މީހުން ދެ އަތުގައި ހިފައި، ކޮޅަށް ނަގައިފިއެވެ. އެ ނިކަމެތި ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. އެންމެ ކުޑަމިނުން ބޯ ހިފަހައްޓައިލާނޭހައިވަރު ވެސް ކަނދުރާގައި ނެތެވެ. އެހެންނަމަވެސް އެކަމަކަށް އެ މީހުންގެ ސަމާލުކަމެއް ނެތެވެ. ތިން ވަނަ މީހާ އެކުއްޖާގެ ބޮލުގައި ހިފަހައްޓާ ބޯ ތެދުކޮށްލިއެވެ. އެ ކުއްޖާ ކުރިމަތިކޮށްފައި ހުރީ އަހަންނާ ދިމާއަށެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުން ދެއެވެ.  

އަހަރެން ނޭވާ ހިފަހައްޓާލައިގެން ހުއްޓާ، ހަތަރު ވަނަ މީހާ އެއްފަރާތަކަށް ޖެހިލުމަށްފަހު، އައީ ބޮޑު ހަންޖަރެއް ކަހަލަ ދިގު، ތޫނު އެއްޗެއް ހިފައިގެންނެވެ. އެ ކުއްޖާ ގާތަށް ޖެހިލުމަށްފަހު، ހަންޖަރު ފަހަތަށް ދަމާލާފައި އެގެންދިޔަ ގޮތަށް ގެންގޮސް ބަނޑަށް ވައްދާލައިފިއެވެ. މަޑުމަޑުންނެވެ. ބުރަކަށިން ނިކުންނަންދެނެވެ. ދަމާ ނެރުނީ ވެސް ހަމަ އެހައި މަޑުންނެވެ. ދުނިޖަހާފައި ލޭއައެވެ. އަނގައިން ވެސް ލޭތައް އޮހިގަތެވެ. އެހެންނަމަވެސް އެ ކުއްޖާގެ ހަށިގަނޑަކަށް މާބޮޑު ހަރަކާތެއް ނާދެއެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައި ގަނެވުނެވެ. ދެ ލޯ މަރަމުން އިސްދަށަށް ޖެހުނެވެ. އަނެއް އެތިފަހަރު އަހަރެންގެ ކަންފަތްމައްޗަށް އެރީއެވެ.

އެ ހަންޖަރުން، އެ ޟަޢީފު ހަށިގަނޑުގެ ތިން ހަތަރުތަން ތޮރުފާލައިފިއެވެ. އަލާފިލާވަރު ވީކަންނޭނގެއެވެ. ހަންޖަރުގައި އުނގުޅިފައިހުރި ލޭ އެ ކުއްޖާގެ ދިގު އިސްތަށިގަނޑުން ފޮހެލައިފިއެވެ. ހަމައެއާއެކު ހިފަހައްޓައިގެން ތިބި މީހުން އެކުއްޖާގެ ގައިން ދޫކޮށްލައިފިއެވެ. ކަނޑާ ވައްޓާލި ރުއްގުޅިއެއްހެން އެ ހަށިގަނޑު ތަޅުންގަނޑުމައްޗަށް ގުޅައަކަށް ޖެހިއްޖެއެވެ. އެ ތަނުގައި ހެދިފައިވާ ލޭގެ ކޯރުގެތެރެއަށެވެ. އެހައިހިސާބުން ބިއްލޫރިފާރު ކުރިއެކޭ އެއްގޮތަށް ތިރިވެ، އެ އަނިޔާވެރި ކަމުން ފުރިފައިވާ މަންޒަރު، އަހަރެންގެ ލޯމައްޗަށް ގެއްލިއްޖެއެވެ.

މިހައިހިސާބަށް ދިޔައިރު އަހަރެން ހުރީ އެނބުރުން އަރާފައެވެ. ހިތުގެ ހިނގުން ވެސް އެކީ އެކަށް ހުއްޓިފައިވާ ކަހަލައެވެ. ހަމަހޭވެރިކަން އައީ، ކަންފަތް ދޮށުގައި މީހަކު އެއްޗެއް ބުނިއަޑަށެވެ.

“އެއީ މިތަނުގެ ވެރިޔާގެ އަމުރަށް ކިޔަމަންނުވާ އަންހެން ކުދިންގެ ނިމުން އަންނަގޮތް! ރަނގަޅަށް ތައްޔާރުވެގެން ހުރޭ!” އެ ތަނުން މީހެއްގެ ބިރުވެރި ޖުމުލައާއެކު، އަހަންނަށް ރޮއިގަނެވުނެވެ.

އަހަންނަށް ހިތާހިތުން ދުޢާކުރަން ފެށުނެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! މި އަނިޔާވެރިކަމާއި، ނުބައިކަމުން، ނިކަމެތި އަޅާ ސަލާމަތް ކޮށްދެއްވަފާނދޭވެ!

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!