IruOnline

ޝެހެނާޒަށް އިނގިރޭސި ނޭނގޭތީ ފޭނުން ކުރި ސުވާލަކަށް ދިން ޖަވާބު

ކަލާޒް ޗެނަލުން ދައްކާ ބިގްބޮސްގެ 13 ވަނަ ސީޒަނުގައި ބައިވެރިވެ ބޮޑު މަޝްހޫރުކަމެއް ހޯދި ޝެހެނާޒް ގިލް އަކީ އިނގިރޭސި ބަހަށް އެހާ ފަރިތަ މީހެއް ނޫންކަމަށް އެ ޝޯގައި އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި އެކަން މަޖާވެގެން، ޝޯގެ ހޯސްޓު ސަލްމާން ވެސް ކޮންމެ ހަފްތާ ބަންދަކު އޮންނަ ‘ވީކެންޑު ކާ ވާރު” ގައި ޝެހެނާޒާ ދިމާކުރާތަން ފެނިގެން ދިޔައެވެ. ކޮންމެއަކަސް، ޝެހެނާޒުގެ މީސްމީޑިއާ އެކައުންޓުތަކުގައި ލިޔެފައި ހުންނަ އެއްޗެހި ފުރިހަމަ އިނގިރޭސި ބަހުން ލިޔެފައި ހުންނަތަން ފެނިގެން، އޭނާގެ ފޭނުން ވަނީ މިކަމާ ގުޅިގެން ސުވާލު އުފައްދާފައެވެ.

އެގޮތުން، ޝެހެނާޒަށް އިނގިރޭސި ނޭނގޭއިރު، އެހާ ފަރިތަކޮށް އިނގިރޭސި ޖުމްލަތައް ލިޔެފައި ހުންނަނީ ކިހިނެއްތޯ ގިނަ އަދަދެއްގެ ފޭނުން ތަކުރާރުކޮށް އަހަމުން ދާތީ، އެ ސުވާލުތަކަށް އޭނާ މިވަނީ ދާދިފަހުން ޓްވިޓާގައި ޖަވާބު ދީފައެވެ. ޝެހެނާޒު ހިންދީ ބަހުން ކިޔައިދިން ލިޔުނު ގޮތުގައި، އޭނާގެ ސިކުނޑިއަށް ޙިޔާލެއް އައުމުން އޭނާގެ މެނޭޖުމެންޓު ޓީމު ކައިރީގައި ވަގުތުން ބުނަނީއެވެ. އެއާއެކު އެމީހުން އޭތި އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްފައި ލިޔެދެނީ ކަމަށްބުނެ، ޝެހެނާޒު ވަނީ އޭނާގެ ސަމާސާ ރާގުގައި ޖަވާބު ދީފައެވެ. އެއަށް ރައްދު ދިން ބައެއް ފޭނުން ބުނި ގޮތުގައި، އިނގިރޭސި އެނގުމަކީ މާ މުހިއްމު ކަމެއް ނޫނެވެ. އަދި އިންސާނުން އެކަކު އަނެކަކާ ގުޅިފައި ތިބެނީ ހިތުން ހިތަށް ކަމަށާއި، ވާހަކަ ދައްކާ ބަހުރުވައަކުން ނޫން ކަމަށް ވެސް އެކަކު ބުނެފައިވެއެވެ.

27 އަހަރުގެ ޝެހެނާޒް ގިލް އަކީ ޕަންޖާބުގެ ލަވަކިޔުންތެރި އެކެވެ. މިއަހަރުގެ ކުރީކޮޅު ނިންމައިލި ބިގްބޮސް 13 ގައި ޝެހެނާޒު މަޝްހޫރު ވެގެންދިޔައީ ޕަންޖާބުގެ ކެޓްރީނާ ކައިފްގެ ނަމުގައެވެ. އަދި ޝެހެނާޒަކީ ސަލްމާންގެ އެންމެ ފޭވަރިޓް އެއް ބައިވެރިޔާ ވެސް މެއެވެ. ސަބަބަކީ ޝެހެނާޒުގެ ސަކަ މިޒާޖާ ހެދިއެވެ. ނަމަވެސް، ބިގްބޮސްގައި ޝެހެނާޒަށް ލިބުނީ ތިން ވަނައެވެ. އެއްވަނައަށް ދިޔައީ ޓީވީ އެކްޓަރު ސިދާތު ޝުކްލާއެވެ.