މަސައްކަތް ކުރާ ކަން އަންގަން ދެން ޖެހޭނީ ފޮޓޯ ހިއްސާކުރަން: މިނިސްޓަރު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކުރައްވަން ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާތައް އިވެމުންދާތީ އެގޮތަށް އެކަން ދިމާވަނީ ކީއްވެތޯ ފޮނަދޫ ދާއިރާގެ މެމްބަރު، މޫސާ ސިރާޖު ކުރެއްވި ސުވާލުގައި ގިނަ އަދަދެއްގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާފައިވާ ކަމަށާއި އެކަން ހާމަކޮށްދޭން ދެން ޖެހޭނީ ފޮޓޯ ހިއްސާކުރަން ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ވަރަށް ގިނަ އަތޮޅުތަކެއްގެ ކައުންސިލު މެމްބަރުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ބަޔަކު ބައްދަލުކުރައްވަން އައިކަން އެނގިހުރެ ބައްދަލުނުކޮށް ނުވާނެކަން ފާހަގަކުރައްވަމުން ވިދާޅުވީ އެެޕޮއިންޓްމަންޓްތައް ހުންނަ ގޮތުން ކައުންސިލަރުން ސީދާ ބޭނުންވާ ދުވަހެއްގައި ބައްދަލުނުކުރެވި ހިނގައިދާނެ ކަމަށެވެ. 

ކޮވިޑް-19 ގެ ހާލަތުގައި މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އާއްމު މަސައްކަތްތައް ދުވާލުގެ ވަގުތުގައި ކުރެއްވުމުގެ އިތުރުން ސިވިލް އޭވިއޭޝަނާ ބެހޭ މަސައްކަތްތައް ރޭގަނޑު ވަރަށް ދަންވަންދެން ކުރައްވާ ކަމަށެވެ.

ނަހުލާ މިމޭރުމުން ވާހަކަ ދެއްކެވީ ކޮވިޑް-19 އާ އެކު އޭނާ ގެއްލިއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ވަގުތެއްގަ އެވެ.

“އޮފީހަށް ނާދެވޭތީ ގޭގައި ހުރެގެން ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަން ޖެހިފައި ވަނީ 24 ގަޑިއިރޭ އަޅުގަނޑު ދަންނަވާނީ. ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރު ވެސް. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު،” ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާލަތުގައި ރާއްޖެ އަށް ފްލައިޓްތައް ޖެއްސުމާއި މުދާ އުފުލުމާއި ހުރިހާ ކަމެއް ވެސް ބައްލަވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތުގައި މިނިސްޓްރީގެ އެހެން ބޭފުޅުން ވެސް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!