ރުގްޔާގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގެއްލުން ދޭ މީހެއްގެ ޝިކާރައަކަށް ވެފައިވާ މީހުން ހޯދަނީ

ރުގުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކި ކަހަލަ ގެއްލުން ދެމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބަލުމަށް އެ މީހާގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

ރުޤުޔާކުރުމުގެ ނަމުގައި މީހުންނަށް އެކިކަހަލަ ގެއްލުންދޭ ކަމަށް ތުހުމަތު ކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށު ބުޗާގެ، މުހައްމަދު ނަސްރުﷲ (55އ) އަށެވެ.

ފުލުހުން މިއަދު އޭނާގެ ފޮޓޯ އާއްމުކޮށް ބުނީ ނަސްރުﷲގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އޭނާއަކީ ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުން ދިޔަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އޭނާގެ ފަރާތުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނަމަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9792358 އަށް ގުޅުމަށް ފުލުހުން އެދެ އެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސިހުރު ހެދުމާއި ރުގްޔާ ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައިން ހުށަހަޅާ ކަަމަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!