ނައިފަރުގައި މުޒާހަރާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ދަނިކޮށް، މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމަށް އަނިޔާކުރި މައްސަލާގައި، ނައިފަރުގައި މުޒާހަރާ ކުރަމުން އެބަ ދެއެވެ.

ނައިފަރު ޕީޕީއެމް ޖަގަހައިގެ ކައިރީގައި ކުރަމުންދާ މި މުޒާހަރާގައި އަންނަނީ ޝިޔާމަށް އިންސާފު ހޯދައިދީ، އޭނާ އަށް ކުރި އަނިޔާގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ އަނިޔާކުރުމާ ދެކޮޅުކަން ހާމަކުރަމުން ކަމަށާއި ނަމަވެސް ޝިޔާމަށް އަނިޔާކޮށް މަޖިލީހުގެ ތަޅުމުން ނެރުނު ނެރުން ބަލައިނުގަނެވޭނެ ކަމަށްވެސް މުޒާހަރާގައި ބައިވެރިވާ މީހުން އަންނަނީ ބުނަމުންނެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިސްތިއުފާ އަށް ވެސް އެ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާ ފެއްޓުމާއެކު އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް ވަނީ ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝިޔާމްގެ ނަން އިއްވައި ތަޅުމުން ނިކުންނަން އަންގަވާފައެވެ. ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި އޭނާ އާއި ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. އަދި ހަތަރު ހަފްތާ އަށް އަރާމު ކުރުމަށް އަންގައި ޝިޔާމް މިހާރު އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!