އިންކަމް ސަޕޯޓު އެލަވަންސް 255 މީހަކަށް ދީފި

ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި 255 މީހަކަށް އެލަވަންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ވަޒީފާއަށް އަސަރު ކުރި މީހުންގެ ތެރެއިން މިހާތަނަށަ 255 މީހަކަށް 1.06 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 23ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ވަޒީފާތަކަށް އަސަރުކުރި 69 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

“އިންކަމް ސަޕޯޓު އެލަވަންސް” އެލަަވަންސް ދެނީ ވަކި ހާއްސަ އުސޫލެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ. މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށް ކަނޑައަޅާފައި ވަނީ މޭ މަހުގެ 30 ވަނަ ދުވަހެވެ. މި މަހުގެ އެއްވަނަ ދުވަހުން މި މަހުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ހަތެއް ޖޫންއެވެ. އަދި ޖޫން މަހުގެ އެއްވަނަ ދުވަހުން އެ މަހުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.

ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހަށް ފަހުން ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދައިން ވަޒީފާތަކަށް އަސަރު ކޮށްފައިވާ މީހުން އެ މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދިފައެވެ. އަދި މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ވަނީ އެ ސެންޓަރުގައި ރަޖިސްޓްރީވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!