މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ޒަކާތް ބެހި މައްސަލަ ކޮމިޓީން ބަލަނީ

މި އަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ބެހިގޮތުން ފަގީރުންގެ ހައްގުތައް ގެއްލޭ ކަމަށް ބުނެ، މައްސަލަ ބަލައިދިނުމަށް އެދި ތޮއްޑޫ ދާއިރާގެ މެމްބަރު، ހަސަން ޝިޔާން މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން ފޮނުއްވި ސިޓީއެއްގައި ވަނީ މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ޒަކާތް ބެހުމަށް މިނިސްޓްރީން ނިންމުމުން އޭގެ ހަގީގީ ހައްގުވެރިންނަށް ޒަކާތް ލިބިފައި ނުވާ ކަމަށް ގަބޫލު ކުރެވޭތީ މަޖިލީހުން މި ކަމަށް ބަލައިދިނުމަށް އެދޭ ކަމަށެވެ.

ޝިޔާންގެ ސިޓީގައި އިތުރަށް ވިދާޅުވީ މިއަހަރު ފިތުރު ޒަކާތް ބަހާފައި ވަނީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި އޮތް ލިސްޓަށް ކަމަށާއި އެގޮތުން އެކަމާއި ހުރެ ރާއްޖޭގެ ގިނަ ރަށްތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށެވެ. 

އެހެންކަމުން އެ މައްސަލައަކީ ހާއްސަ މައްސަލައެއްގެ ގޮތުގައި ބަލައި، ފިތުރު ޒަކާތް އެންމެ ހައްގުވެރިފަރާތްތަކަށް ރައްދުކޮށްދިނުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރަން ފެއްޓެވުމަށް އޭނާގެ ސިޓީގައި އެދިވަޑައިގަންފައިވެ އެވެ. 

އެ މައްސަލައާ ގުޅިގެން އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ، ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ޒަކާތް ހައްގުވާ ފަރާތްތަކަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 156،740 މީހުން ޒަކާތް ދެއްކިއިރު، ޒަކާތުގެ ގޮތުގައި 6،649،697 ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ލިސްޓަކަށް އެ ފައިސާ ބެހިއިރު، ލިސްޓުގައި މުޅި ރާއްޖޭން 8،764 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އެހެންކަމުން މި އަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ މީހަކަށް 3،800 ރުފިޔާގެ މަގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!