ސީއެސްސީގެ މެންބަރުކަމުން އާމިރާ ވަކިކުރުމުގެ މަސައްކަތް ފަށައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތިމަތު އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.

އާމިރާ އެ މަގާމަށް އައްޔަން ކުރެއްވީ މަޖިލީހުގެ 71 މެންބަރުން އެމަގާމަށް އާމިރާ އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ނިންމުމުން މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އެ މަގާމަށަ 13 ބޭފުޅަކު ކުރިމަތިލެއްވިއިރު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިންޓަވިއު ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން މާކުސް ވެސް ލިބިވަޑައިގަތީ އާމިރާ އަށެވެ.

ސީއެސްސީގެ މެންބަރުކަމުން އާމިރާ ވަކި ކުރެއްވުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ޝަފީގެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. ޝަފީގުގެ އެ ހުށަހެޅުއްވުން ފާސްވީ ފަސް ހަ މެންބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުއްވުމާއި ދެކޮޅަށް ފަސް މެންބަރަކު ވޯޓު ދެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވެސް މެންބަރުން ވަނީ ސީއެސްސީގެ މެންބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ފަރާތުން އެދެވިގެންވާ މަސައްކަތްތަކެއް ކުރައްވާތަން ނުފެންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!