ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ: ފެނަކަ

ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުނކަމަށް ފެނަކަ ކޯރޕަރޭޝަން ލިމިޓެޑްއިން ބުނެފިއެވެ.

އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކަކީ، އެ ނިޒާމު މިކުންފުންޏާ ޙަވާލުކުރެވުނުއިރު ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުމާއި، ނިޒާމު ޤާއިމްކުރުމަށް ބޭނުންކޮށްފައިވާ މުހިއްމު ގިނަ ތަކެތީގެ ފެންވަރު ދައްވުމާއި، ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިހުމާލުވެ ފަރުވާކުޑަކޮށް މަސައްކަތް ކޮށްފައި ވުމާއި، ޤާއިމް ކުރުމަށްފަހު ހިންގަން ފެށުމުގެ ކުރިން ކުރަންޖެހޭ ޓެސްޓްތައް ނުކޮށް، ފުރިހަމަ ނޫން ނިޒާމަކަށް ގެތަކުން ނަރުދަމާ ހޮޅި ގުޅައި ބޭނުންކުރަން ފެށުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތަކެއްކަން ވަނީ ދެނެގަނެވިފައިކަމަށެވެ

13 ސެޕްޓެމްބަރ 2018 ދުވަހު އެ ނިޒާމު އެ ކުންފުންޏާ ޙަވާލުކުރެވުނުއިރު، އެއްބަސްވުމުގެ ތެރެއިން މަސައްކަތްކުރިފަރާތުން ނިންމަންޖެހޭ ގިނަ މަސައްކަތްތައް ނިންމާލެވިފައި ނުވުމުގެ ސަބަބުން، ޑިފެކްޓްސް ލައިބިލިޓީ މުއްދަތުގެ ތެރޭގައި ވެސް މަސައްކަތްކުރިފަރާތުން ނިޒާމު ނިންމަން ކުރަންހުރި މަސައްކަތްތައް ކުރަންޖެހި، ނިޒާމު ފުރިހަމަ ގޮތުގައި ހިންގައި، ހުރި މައްސަލަތައް ދެނެގަނެ، މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރާނެ ފުރުޞަތެއް އެފަރާތަށް ލިބިފައި ނުވާކަން ވެސް ވަނީ ފާހަގަކުރެވިފައިަކަމަށެވެ.

އަދި 18 ޑިސެމްބަރ 2018، އާ މެނޭޖްމަންޓުން ކުންފުންޏާ ޙަވާލުވެ، ކަމާގުޅޭ އެންމެހައި ފަރާތްތަކާއެކު، މައްސަލަތައް ދެނެގަނެ ޙައްލު ހޯދުމަށް ކުރި މަސައްކަތްތަކުން ޙައްލެއް ލިބޭ ގޮތް ނުވުމުގެ ސަބަބުން، 2019 ވަނަ އަހަރުގެ ނޮވެމްބަރ މަސްތެރޭ އެ ކުންފުނިން އިސްނަގައިގެން ކަމާގުޅޭ ފަންނީ ތަޖުރިބާކާރުންނާއި އެ ނިޒާމުގެ ވެކިއުމް ސިސްޓަމް އުފެއްދި ފަރާތާއެކު އަލުން ދިރާސާތައް ފަށައި، ހޯދުނު ހޯދުންތަކުގެ އަލީގައި، ނިޒާމަށް ދިމާވެފައިވާ މައިގަނޑު މައްސަލަތައް ދެނެގަނެވިފައި ވާކަމުގައި އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ނޫސް ބަޔާނުގައި ބުނެފައިވަނީ މި މަސައްކަތްތަކަށް ބޭނުންވާ އިތުރު ބައެއް ތަކެއްޗަކީ ވެކިއުމް ސިސްޓަމް އުފެއްދި ޖަރުމަނު ކުންފުންޏަށް އޯޑަރދީގެން ހޯދަންޖެހޭ ތަކެތި ކަމަށް ވާތީ، އެ ތަކެތި ހޯދުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފައިކަަމށާއި އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ ދަތި އުނދަގޫ މި ޙާލަތުގައި އެ މަސައްކަތްތަކަށް ލަސްކަމެއް އައި ނަމަވެސް، މެދުކެނޑުމެއް ނެތި މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ދާކަމުގެ ޔަޤީންކަން އަރުވާކަަމަށެވެ.

އަދި ލަސްތަކެއް ނުވެ، ބޭނުންވާ ތަކެތި ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމުގެ އުންމީދު އޮތްކަމުގައި ވެސް ފެނަކައިގެ އިއުލާންގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!