އެމެރިކާގެ މުޒާހަރާތައް ހުއްޓުވަން ސިފައިން ނެރޭނެ ކަމުގެ އިންޒާރު ޓްރަންޕް ދެއްވައިފި

އެމެރިކާގެ އެކި ސިޓީތަކުގައި މިހާރު ކުރަމުން އަންނަ ނުރައްކާތެރި މުޒާހަރާތަކާއި ހިންގަމުންދާ ބޮޑެތި ހަމަނުޖެހުންތައް ހުއްޓުވުމަށް މަގުމައްޗަށް ސިފައިން ނެރޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު އެމެރިކާގެ މިނިއަޕޮލިސް އެގައުމުގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ ކަރަށް ފައިން އަރައި މަރާލުމާ ގުޅިގެން ފެށިފައިވާ މުޒާހަރާތައް މިހާރު ވަނީ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެފައެވެ. 

ފްލޮއިޑް މަރާލުމާ ގުޅިގެން ކުރަމުންދާ ބޮޑެތި މުޒާހަރާތަކާއި ގުޅުވައި ބައެއް މީހުން ތަންތަނަށް ވެސް ގެއްލުން ދެމުންދާއިރު ރޭ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިހާރު ކުރަމުންދަނީ ސުލްހަވެރި މުޒާހަރާތަކެއް ނޫން ކަމަށާއި އެ ޤައުމުގެ ސްޓޭޓުތަކުގެ ގަވަރުނަރުން ނެޝަނަލް ގާޑުން ނެރެގެން މުޒާހަރާތައް ނުހުއްޓުވާނަމަ، ފުރިހަމަ ބާރާއި ހަތިޔާރާއެކު މަގުމައްޗަށް އަސްކަރިއްޔާ ނެރުއްވައިގެން ހަމަނުޖެހުންތައް ހުއްޓުވަން އޭނާއަށް މަޖުބޫރުވެވަޑައިގަންނަވާނެ ކަމަށެވެ.

ޓްރަމްޕް ތަޤްރީރު ދެއްވި ވަގުތު ވައިޓު ހައުސް ކައިރިއަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ އެއްވެ މުޒާހަރާކޮށްފައެވެ. ފުލުހުންވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފައެވެ. 

އުމުރުން 46 އަހަރުގެ ޖޯޖު ފްލޮއިޑު މަރުވެފައިވަނީ އޭނާގެ ކަރުމައްޗަށް ދޮން ނަސްލުގެ ފުލުހެއް 9 މިނެޓުވަންދެން ކަކުލުން އަރާހުރުމުން ނޭވާހާސްވެގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!