މަޖިލީހުގައި ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފި

ރޭ ރައްޔިތުންގެ މަޖިލީހުގައި ހިނގި ހަމަނުޖެހުން ފުލުހުން ބަލަން ފަށައިފި އެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ މަޖިލީހުގެ ރިޔާސަތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި ތަޅުމުން ނިކުންނަން އެންގުމުން އެކަމަށް ދެކޮޅު ހެދުމުންނެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެމްޑީޕީ މެމްބަރުންނަށް އިޝާރާތް ކުރައްވައި ޝިޔާމް ތަޅުމުން ނެރެން އަންގާފައެވެ.

އެކަމުގެ ތެރޭގައި ޝިޔާމްގެ އިތުރުން ވެސް މަޖިލީހުގެ އެހެން ބައެއް މެމްބަރުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ. އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިގައި އޮޅުލައިގެން ތިބެ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން އުޅޭތަން ފެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!