ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދު ނެތުމުން ކަރަންޓީނާމެދު ސުވާލު އުފައްދައިފި

އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނޫގެ ދަށުން ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދު ހެލްތު މިނިސްޓްރީން ހަދާފައި ނުވާތީ، މީހުން ކަރަންޓީނު ކުރުމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދާފައި ނުވާތީ، އެ މިނިސްޓްރީން ޤާނޫނާ ޚިލާފުވި ކަމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީން ހުށަހެޅި ރިޕޯޓާ ގުޅޭގޮތުން މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އުޝާމު ވިދާޅުވީ، ގައިން ގަޔަށް އަރާ ބަލިތަކާ ގުޅިގެން އާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން މީހުން ކަރަންޓީނު ކުރުމުގެ ބާރު ލިބެނީ އެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި އެ މާއްދާގެ ދަށުން އެކަން ކުރެވެނީ ވެސް އެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އެކަން، ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދެއްގައި ބުނާ އުސޫލުން ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ގަވާއިދު ހެދިފައި ނެތުމުން، ގައިން ގަޔަށް އަރާ ބަލިތަކުގެ މީހުން ކަރަންޓީނު ކުރުމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދިދާނެ ކަމަށް އޭނާ ވިދާޅވިއެވެ.

ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރައްވާފައިވާ އުޝާމު ވިދާޅުވި ގޮތުގައި، ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ އެތައް ގަވާއިދުތަކެއް އަދިވެސް ނުހަދައެވެ. ހަމައެހެންމެ، މީގެކުރިންވެސް އެކަންކަން ރަނގަޅަށް ބެލިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ގާނޫނގެ 11 ވަނަ މާއްދާ ބުނާގޮތުން، ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭގޮތުން ހަދާ ގަވާއިދުގައި ވަކި ބައްޔެއް އެއީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ބަލާނެ މިންގަނޑު ކަނޑއަޅަން ޖެހޭނެއެވެ. އަދި އެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާގޮތުން، މީހުން ކަރަންޓީނު ކުރުމުގައި އެކަހެރި ކުރެވޭނީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި ކަމަށް ބެލެވޭ މީހުންނެވެ. ހަމައެހެންމެ އެ ގާނޫނޫގައި ބުނާގުތޮން، ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން އެއް އަހަރު ތެރޭގައި ގާނޫނޫގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދަން ޖެހޭނެއެވެ. އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 2013 ވަނަ އަހަރެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!