އަމީތާބް ބައްޗަން އެންމެ ސަޕޯޓުކުރާ މީހާގެ އޮޓޯގްރާފު ހޯދަން 46 އިންތިޒާރުކުރަން ޖެހުނު

އަމީތާބް ބައްޗަނަކީ 1970 ގެ ކުރީކޮޅުން ފެށިގެން ބޮލީވުޑުގައި ރަސްކަން ކުރަމުން އައި ކުޅަދާނަ އެކްޓަރެކެވެ. މިހާރު އުމުރުން ދުވަސްވެފައި ވިޔަސް، އަދިވެސް އިންޑިއާގެ މީހުން އަމީތާބަށް ކުރާ ތާއީދަށް ބަދަލެއް ނާދެއެވެ. އަދި އޭނާއާ ބައްދަލުކޮށް، ސެލްފީއާއި އޮޓޯގްރާފު ހޯދުމަށް އެދި އެދި ތިބި އެތައް ފޭނުންނެއް އަދިވެސް އުޅެއެވެ. ނަމަވެސް، އަމީތާބު، އޭނާ އެންމެ ސަޕޯޓުކުރާ ފަންނާނުގެ އޮޓޯގުރާފު ހޯދުމަށް 46 އަހަރުގެ ދިގު އިންތިޒާރެއް ކުރިކަން އެނގޭ ހެއްޔެވެ؟

އެ ފަންނާނަކީ، ބޮލީވުޑުގެ ކުރީގެ ބަތަލު ދިލިޕް ކުމާރެވެ. “ޓްރެޖެޑީ ކިންގް” ގެ ނަމުގައި މަޝްހޫރުވި ދިލިޕް އަކީ އަމީތާބަށް އެންމެ ކަމުދާ އެކްޓަރު ކަމަށް ‘ޕިންކްވިލާ’ ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވެއެވެ. އަދި ދިލިޕްގެ އޮޓޯގްރާފު ހޯދަން 46 ވަންދެން އަމީތާބު މަޑުކުރަން ޖެހުނު ގޮތް އެ ލިޔުމުގައި ކިޔައިދީފައިވެއެވެ. އެގޮތުން، އަމީތާބަށް ދިލިޕް އެންމެ ފުރަތަމަ ހަމަލޮލަށް ފެނުނީ، އަމީތާބު އޭނާގެ މައިންބަފައިންނާއެކީ މުމްބާއީއަށް ކުރި ދަތުރެއްގައި މަޑުކުރި ހޮޓަލެއްގެ ތެރެއިންނެވެ. އޭރު ދިލިޕް ވެސް ހުރީ އޭނާގެ ރައްޓެހި ބަޔަކާއެކީ އެ ހޮޓަލުގައެވެ. ނަމަވެސް އެދުވަހު، މީހުންތައް ބައިބޯ ކަމުން އަމީތާބުގެ އަޑު ދިލިޕްއާ ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. އޭރު އަމީތާބު އަދި ފިލްމީ ދާއިރާއަކަށް ނުނިކުމެއެވެ.

އެއަށްފަހު ދެން އަމީތާބަށް ފުރުސަތެއް ލިބުނީ، އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ޕަންޑިތު ޖަވާހަރްލާލް ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. އެ ޕާޓީގައި އަމީތާބަށް އަލަށް ހަމަލޮލަށް ދިލިޕް ކުމާރާއެކު އޭރުގެ އެކްޓަރުން ކަމަށްވާ ދޭވް އާނަންދާއި ރާޖް ކަޕޫރު އެކީގައި ތިއްބައި ފެނިފައިވެއެވެ. ނަމަވެސް އެ ޕާޓީ ތެރެއިންވެސް އަމީތާބަށް ދިލިޕްގެ އޮޓޯގްރާފު ލިބޭގޮތެއް ނުވިއެވެ. އޭގެފަހުން އަމީތާބު ފިލްމް އިންޑަސްޓްރީއަށް ވަނުމަށްފަހު، 1982 އަހަރު ދިލިޕް ކުމާރާއެކު މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އޭރުވެސް ކޮންމެވެސް ސަބަބަކާހެދި ދިލިޕްގެ އޮޓޯގްރާފެއް ނުލިބެއެވެ.

ކޮންމެއަކަސް، އެންމެފަހުން އަމީތާބުގެ ހުވަފެން ހަޤީޤަތަކަށް ވެފައިވަނީ، 2005 ވަނަ އަހަރު އަމީތާބާއި ރާނީ މުކަރްޖީ ކުޅުނު ފިލްމު “ބްލެކް” ގެ ޕްރިމިއާއަށް ރާނީގެ ދަޢުވަތަކަށް، ދިލިޕް އާއި އަންހެނުން ސައިރާ ބާނޫ އައުމުންނެވެ. އެ ފިލްމު ބަލާފައި އަމީތާބުގެ އެކްޓިންގ ދިލިޕް އަށް ވަނީ ވަރަށް ކަމުގޮސްފައެވެ. އަދި ފިލްމު ނިމިގެން އަމީތާބަށް ތަޢުރީފު ކުރުމަށްފަހު، ގެއަށް ގޮސް ސިޓީއެއް ވެސް ލިޔެފައިވެއެވެ. އެ ސިޓީގެ ދަށުގައި ސޮއިކޮށްފައި އަމީތާބަށް ދިނުމުން އަމީތާބު ހުރީ އުފަލުން ފޮޅިފައި ކަމަށް ‘ޕިންކްވިލާ’ ގައި ލިޔެފައިވެއެވެ. އަދި މި ވާހަކަ އަމީތާބު ވަނީ އޭނާގެ ބްލޮގުގައި ވެސް ހިއްސާކޮށްފައެވެ. އޭގައި އަމީތާބު ބުނެފައިވާ ގޮތުގައި، ދިލިޕް ކުމާރަކީ ބޮލީވުޑަށް ނުކުންނަ ކޮންމެ އެކްޓަރަކަށް ހުރި ނަމޫނާއެއް ކަމަށެވެ.

އަމީތާބުގެ އުމުރުން 77 އަހަރު ވެފައި ވާއިރު، 97 އަހަރުގައި ދިލިޕް ކުމާރު އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. މިއާއެކު، ދިލިޕް ކުމާރަކީ ބޮލީވުޑުގެ ރަން ދުވަސްވަރު (ގޯލްޑަން އޭޖު)ގެ އެކްޓަރުންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި އެކްޓަރުވެސް މެއެވެ. އޭރުގެ އެހެން ހުރިހާ ތަރިން ވަނީ މިހާރު މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!