އައިޖީއެމްއެޗް ގެ އިހުމާލުން ކުޑަކުއްޖެއްގެ ގުނަވަނެއް ހަލާކުވިކަމުގެ ތުހުމަތު!

އައިޖީއެމްއެޗްގެ އިހުމާލުން ދަރިއެއްގެ އެތެރެހަށީގެ ގުނަވަނެއް ވަކިކޮށްލަން ޖެހުނު ކަމަށް ވިދާޅުވެ މަޝްހޫރު ދުވުންތެރިއާ ހުސައިން ހަލީމް، ކުޑަހުސެން އައިޖީއެމްއަޗަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ފަރުވާ ހޯދާ ބައެއް މީހުންނަށް އެ ހޮސްޕިޓަލްގެ އިހުމާލުން ގެއްލުން ވަމުންދާ ކަމުގެ ޝަކުވާތައް އިތުރުވެފައިވާއިރު، އިއްޔެ އައިޖީއެމްއެޗުން ވަނީ އެފަދަ މައްސަލަތަކުގައި މީޑިއާތަކުން ދައްކާ ވާހަކަތައް ދޮގުކޮށް ބަޔާނެއްވެސް ނެރެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި ހެލްތު މިނިސްޓަރ އަމީނަށް އެޑްރެސް ކުރައްވައި މަޝްހޫރު ދުވުންތެރިޔާ ހުސައިން ހަލީމް، ކުޑަހުސެން ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ލިއުއްވާފައިވަނީ އައިޖީއެމްއެޗްގެ އިހުމާލުން އޭނާގެ ދަރިއެއްގެ އެތެރެހަށީގެ ނާޒުކު ގުނަވަނަކަށް ގެއްލުންލިބި އެ ކުއްޖާގެ މުޅި ހަޔާތް ބަރުބާދު ވެއްޖެ ކަމަށެވެ.

“އަޅެ ހެޔޮނުވާނެ އައިޖީއެމްއެޗްގެ ޑޮކްޓަރެއްގެ ފަރުވާ ކުޑަކަމުން އަޅުގަނޑުގެ ދަރިފުޅުގެ މުޅި ހަޔާތް ބަރުބާދުވެއްޖެ.” ކުޑަހުސެން ލިއުއްވާފައި ވެއެވެ.

ހުސެން ވިދާޅުވީ އިމަޖެންސީކޮށް ކުރަންޖެހޭ އޮޕަރޭޝަނެއް ކުރުމަށް އައިޖީއެމްއެޗުން 5 ދުވަސް ނަގާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އޭނާގެ ދަރިފުޅުގެ އެތެރެހަށީގެ ނާޒުކު ގުނަވަނެއް އޮޕަރޭޝަން ކޮށް ވަކިކޮށްލަން ޖެހުނު ކަމަށެވެ.

“އިރާދަ ކުރެއްވީތީ ދަރިފުޅު ދިރިއެބައޮތް.” ވަރަށް އަސަރާއެކު އޭނާ ލިއުއްވާފައިވާ މެސެޖުގައި ވެއެވެ.

ކުޑަހުސެން ލިއުއްވާފައިވާ ގޮތުން އެންމެ ފުރަތަމަ އޭނާގެ ދަރިފުޅު އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމުން ބެލި ޑޮކްޓަރ ވަނީ، ޕެއިން ކިލަރ އަކާއި އެންޓިބައިޓިކެއް ދިނުމަށްފަހު ގެއަށް ފޮނުވާލާފައި ކަމަށެވެ. އިތުރަށް ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ބުނެ އޭނާގެ ދަރިފުޅު ފޮނުވާލާފައިވާއިރު، އެކަމުގައި އިތުރު ޑޮކްޓަރެއްގެ މަޝްވަރާ ހޯދިނަމަ އެ ދަރިފުޅުގެ ގުނަވަން ސަލާމަތް ކުރެވުނީސް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭގެ ދެދުވަސް ފަހުން ދަރިފުޅުގެ ޙާލު އިތުރަށް ގޯސްވުމުން ހޮސްޕިޓަލަށް ދިޔަ ކަމަށާއި، އަދި އެދުވަހު ޙާލަތު ވަރަށް ގޯސް ވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ހުސެން ވިދާޅުވެފައި ވެއެވެ. ނަމަވެސް އެކަމަށް ކުރަންޖެހޭ ސްކޭން ކުރެވޭނީ ކޯވިޑް-19 އަށް ޓެސްޓް ކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބުމުން ކަމަށް ބުނެ ސްކޭން ކުރުމަށް އައިޖީއެމްއެޗްގެ އެމަޖެންސީން ދެކޮޅުހަދާފައިވާކަމަށް ކުޑަހުސެން ލިޔުއްވާފައި ވެއެވެ.

ފުރަތަމަ ހޮސްޕިޓަލަށް ދިޔަތާ ފަސްދުވަސް ފަހުން ކުރި ސްކޭނުން ދަރިފުޅުގެ އެތެރެހަށީގެ ގުނަވަން އެއްކޮށް ހަލާކުވެފައިވާކަން އެނގުނު ކަމަށާއި، އެކަމުގެ ސަބަބުން މުޅި އުމުރަށް އެތެރެހަށީގެ ގުނަވަނެއްގެ ބޭނުން ކެނޑުނީ އައިޖީއެމްއެޗްގެ އިހުމާލުން ކަމަށް އޭނާ ތުހުމަތު ކުރައްވާފައި ވެއެވެ.

“އަޅުގަނޑުމެން ވިސްނައިދޭން މަސައްކަތް ކުރިން ކަމުގެ މުހިންމުކަން. އެކަމަކު އީއާރް ދެކޮޅު ހެދީ ކޯވިޑަށް ޓެސްޓް ނުހަދާ ސްކޭން ކުރަން. ދެން ޖެހިގެން އައި ދުވަހު (ފަސްވަނަ ދުވަހު) ސްކޭނެއް ހެދޭގޮތްވީ. އޭރު ގުނަވަން ވަނީ މުޅިން ހަލާކުވެފައި.” ވަރަށް އަސަރާއެކު ކުއްޖާގެ ގުނަވަން ނަގަން ޖެހުނު ސަބަބު ބަޔާންކޮށް ކުޑަހުސެން ލިޔުއްވާފައި ވެއެވެ.

އޭނާ ވަނީ މިހާ ފަރުވާކުޑަކުރަން ހެޔޮ ނުވާނެ ކަމަށާއި، އައިޖީއެމްއެޗްގެ އިހުމާލުގެ ޝަކުވާގެ އަޑު މެދުނުކެނޑި ކޮންމެ ހަފުތާއަކު އިވެމުންދާ ކަމަށް ވިދާޅުވެ ސަރުކާރުގެ މައި ހޮސްޕިޓަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވަނީ މިފަދަ އިހުމާލުގެ މައްސަލަތައް ބެއްލެވުމަށާއި، މިކަމުގައި ގެއްލުންވާ ފަރާތްތަކަށް އެހީތެރިވުމަށް ދަޢުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް، ޙުސައިން ޝަމީމަށް ވެސް ގޮވާލައްވާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ހޮސްޕިޓަލް އާއި ހަވާލުވެ ހުރީ ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!