އެލްޖީއޭގެ ބޯޑް ބަދަލުކޮށް އާ ބޯޑެއް އެކުލަވާލުމަށް ހުށަހަޅަނީ

ކައުންސިލަރުންގެ ދައުރު އިތުރުކޮށް ޤާނޫނު އަސާސީއަށް އިސްލާހު ގެންނައުމަށް މިރޭ ބާއްވާ ޚާއްސާ ޖަލްސާގައި އެލްޖީއޭގެ ބޯޑު ބަދަލުކުރުމަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މިރޭ ދަންވަރު 1:30 ގައި ބާއްވާ މިޖަލްސާގައި އެންމެ މުހިން މަސައްކަތެއްގެ ގޮތުގައި އޮންނާނީ ޤާނޫނު އަސާސީ އިސްލާހުކުރުމަށް ކުރެވޭ މަސައްކަތެވެ. މީގެ އިތުރުން މިރޭގެ ޖަލްސާގައި މިހާރު އިންތިޚާބްވެފައިވާ ކައުންސިލަރުންގެ މަޤާމުގައި ދެމިތިބޭ މުއްދަތު އިންތިޚާބެއް ބޭއްވުމާ ހަމަޔަށް އިތުރުކުރާއިރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ޚާއްސަ ބިލެއް ފާސްކުރުމަށްވެސް މިރޭގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިބިލުގެ މަސައްކަތް ނިންމައި މަޖިލީހަށް ހުށަހަޅާފަައިވާއިރު، ބިލަށް މުހިންމު އިސްލާހެއް މިރޭގެ ޖަލްސާގައި ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިހާރު އޮތް އެލްޖީއޭގެ ބޯޑް ބަދަލުކޮށް އާ ބޯޑެއް އެކުލަވާލުމަށް ހުށަހެޅިގެންދާނެއެވެ. މިއާއިއެކު ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީޤް ކުރައްވާތާ 7 ދުވަހުގެ ތެރޭގައި އައުބޯޑް އެކުލަވާލަންޖެހޭނެއެވެ.

އެލްޖީއޭގެ ބޯޑުގައި 5 މެމްބަރުން ތިއްބަވައެވެ. މިހާރުގެ ބޯޑުގައި ތިއްބެވި 5 މެމްބަރުންނަކީ ބޯޑްގެރައީސްގެ މަޤާމު ގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ނައިބްރައީސްގެ މަޤާމުގައި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ މިންނާ ރަޝީދެވެ. އަދި ބޯޑުގެ މެމްބަރުގެ ގޮތުގައި ތިއްބަވާ 3 މެމްބަރުންނަކީ، މުހައްމަދު ޝަފީޤް މަޙްމޫދު އާއި ޢާމިރު އަލީ އާއި، އަހުމަދު ހަސަނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން ބޯޑާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައެވެ.

1. ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުން.
2. ކައުންސިލްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުން.
3. ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެހެނިހެން ކަންކަންކުރުން.
4. ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް އަދި ކައުންސިލްތަކުން އެކަށައަޅާ ގަވާއިދުތައް ހުންނަނީ އެއްއުސޫލަކުންތޯ ބަލައި ކައުންސިލްތަކުން ހަދާ ޤަވާއިދުތަކާއި އުޞޫލްތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުން.
5. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގާ ގަވާއިދު ހެދުން.
6. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާ ކޮންމެ އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، ސިޓީ ކައުންސިލްގެ އިޚްތިޞާޞް ހިނގާ ސަރަހައްދު ކަނޑައަޅައި، އެސަރަހައްދުގެ އިން ވަކިކުރުމުގެ ނިޒާމެއް މިޤާނޫނަށް އަމަލުކުރަން ފަށާ ފުރަތަމަ އަހަރުތެރޭ ކަނޑައެޅުން.
7. ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދިފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ކަނޑައަޅައި، އެތަމްރީނުތައް ދޭނެ އިންތިޒާމެއް ހަމަޖެއްސުން.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ޚާއްސަ ބިލަކީ ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަސްކުރި ކައުންސިލް އިންތިޚާބް ބޭއްވެންދެން މަޤާމުތަކުގައި ތިއްބަވާ ކައުންސިލަރުން އަމަލުކުރަންޖެހޭނެ ގޮތްތަކެއް ކަނޑައަޅާފައިިވާ ބިލެކެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު މިމަހުގެ 3 ވަނަ ދުވަހަށް ހަމަވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!