ޣައްސާން ދެއްކެވީ ރަނގަޅު ވާހަކައެއް ނޫން

ކުރީގެ ރައީސް، އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ކުރީގެ ރައީސް ކުރީގެ ރައީސް އަދި ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ނިކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ދަރިކަލުން ޣައްސާން މައުމޫން ދެއްކެވީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ރައީސް މައުމޫނު ޖަލުގައި ހުންނެވީ، ސިޔާސީ ނުފޫޒުން ކަމަށް ރައީސް މައުމޫނު ވިދާޅުވެދާނެ ކަމުގެ އިޝާރަތެއް ޣައްސާން ކުރައްވާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކައުންސިލް މެންބަރުންގެ މުއްދަތު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހު އަވަސްކުރަން ޕީޕީއެމް އިން އެއްބާރުލުން ދިނުމުގެ ޝަރުތަކަށް ރައީސް ޔާމީން ޖަލުން ދޫކޮށްލުމުގެ ސިއްރު ޑީލެއް ހުށަހަޅައިގެން ކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ޣައްސާންގެ ޓްވީޓަށް ރައްދުދެއްވައި މެންބަރު ވަހީދު ވަނީ ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާއުގައި އޭރު އެއްވެސް ބަހެއް ވިދާޅުވާން ޣައްސާނަށް ކެރިވަޑައިނުގެންނެވި ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބީ ޝަރީއަތެއް، ހުކުމެއް ވެސް ނެތި ކަމަށާއި، ރައީސް ޔާމީން ޖަލުގައި ހުންނެވީ މިހާރު އެންމެނަށް ގަބޫލުކުރެވޭ ވަރުގެ ވައްކަމުގެ ބޮޑު ހުކުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދަށް ރައްދު ދެއްވައި ޣައްސާން ވިދާޅުވީ، މެންބަރު ފާހަގަކުރެއްވި ނުކުތާތަކުގެ އިހުލާސްތެރި ކަމާމެދު ޝައްކު ނުކުރާ ކަމަށާއި ނަމަވެސް ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އޭނާ ވަނީ މެންބަރު ވަހީދުގެ ސުވާލުތަކުގެ ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގެ ލިންކެއް ވެސް ހިއްސާކުރައްވާފައެވެ. ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުމެއް ކަމަށް ސިފަކުރައްވައި، މައުމޫނާއި ޔާމީނަކީ ލޭގެ ގުޅުން ކަމަށާއި އެ ގުޅުން މާ ވަރުގަދަވާނެ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ޣައްސާންއާ ހިޔާލުތަފާތު، މައުމޫންގެ އާއިލާގެ ބޭފުޅަކު ނަން ހާމަނުކުރަން އެދިވަޑައިގެން “މިހާރު” ނިއުސް އަށް މިއަދު ވިދާޅުވީ ޣައްސާން ދެއްކެވީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި މައުމޫނާއި އާއިލާގެ ވިސްނުން ވެސް ޣައްސާންއާ ވަރަށް ތަފާތު ކަމަށެވެ. އަދި ކޯލިޝަން ދެމި އޮންނާނެ ކަމަށާއި ކޯލިޝަން ނުރޫޅޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!