އެންއައިސީ ފުރިހަމަ ގޮތުގައި ހިންގަމުން ދިއުމަކީ ލާޒިމް ކަމެއް: މިނިސްޓަރު އިމްރާން

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)، ގާނޫނުގައިވާ ގޮތަށް ފުރިހަމަ ތަނެއްގެ ގޮތުގައި ހިންގަމުން ދިއުމަކީ ލާޒިމް ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި ޖަލުތަކުގައި ވެސް ނުހަމަ ގޮތެއްގައި ކަންކަން ނުހިންގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރާކަމެއް ކަމަށެވެ. އެކަމަކު ވަކިވަކި އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް ގާނޫނުގައި ބުނާ މިނިވަން މުސްތަގިއްލު ގޮތުގައި، އެންއައިސީ ފުރިހަމަ ގޮތުގައި ހިންގުމަކީ ލާޒިމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޓްވީޓް ގައި ގާނޫނުން އެންއައިސީއަށް މަތިކުރާ އެ މަސްއޫލިއްޔަތު ހިމެނޭ މާއްދާގެ ފޮޓޯއެއް އިމްރާން ވަނީ ހިއްސާކުރައްވާފައެވެ.

އެންއައިސީއަކީ ރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއާތުތައް ކަނޑައަޅާ ކޮމިޝަނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!