IruOnline

އެމްޕީއެލުން އަނެއްކާ ވެސް ޑެމަރޭޖް ފީ ނަގަން ފަށަނީ

އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން 12 ދުވަސް ފަހުން، ނުނެރި ގިނަދުވަސްވެފައި ހުރި ކޮންޓެއިނަރުތަކަށް ޑެމަރޭޖް ފީ ނަގަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލުން ވަނީ ލޮކްޑައުންއަށް ދިން ލުއިތަކާއެކު އެތަނުގެ ހިދުމަތްތައް ރޭވިފައިވާ ގޮތް ހިއްސާކުރައްވާފަ އެވެ. 

ޝާހިދު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އެމްޕީއެލް އިން އިކޮނޮމިކް މިނިސްޓްރީއާ އެކު މަޝްވަރާކޮށް ގެންނަ މުދަލަށް އަރާ ޑެމަރޭޖް ފީ ނުނަގާ ގޮތަށް ކުރިން ނިންމި ކަމަށެވެ. ނަމަވެސް މިހާރު ލޮކްޑައުން ހާލަތަށް ލުޔެއް ލިބުމުން އަދި ކޮންޓެއިނާ ކްލިއާ ކުރާ ފަރާތްތަކަށް ފާސް ހޯދުމުގައާއި ހުއްދަތައް ހޯދުމުގައި ފަސޭހަތަކެއް ލިބިދޭ އުސޫލު އާންމު ކުރުމާއި ގުޅިގެން އިއްޔެ އިން ފެށިގެން 11 ދުވަސް ދިނުމަށްފަހު އަނެއްކާ ވެސް ޑެމަރޭޖް ފީ ދައްކާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މުދާ ކްލިއާ ކުރާ ވަގުތުތައް ވެސް މިހާރު ވަނީ އިތުރުކޮށްފައި ކަމަށް ޝާހިދު ފާހަގަކުރައްވަ އެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 21:00 ގެ ނިޔަލަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަން އޭނާ ފާހަގަކުރައްވަ އެވެ.

ޝާހިދު ވިދާޅުވީ މި ލިބުނު ދުވަސްތެރޭގައި މިހާރު ހުރި މުދާތައް އެމުދާތަކުގެ ވެރިފަރާތުން ކްލިއާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ތާނަ ލެޓިން އިން ލިޔުއްވާ!