IruOnline

ކުލަބުތައް ހާލުގައި ޖެހުނަކަ ނުދޭނަން: މިނިސްޓާރ މަހްލޫފު

ކުލަބުތައް ހާލުގައި ޖެހުނަ ނުދީ ސަލާމަތް ކުރަން ސަރުކާރުން އެހީ ވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅު ވެއްޖެ އެވެ.

އެފްއޭއެމުން ގެނެސްދޭ ފޫޓްބޯޅަ ޓޯކް ޝޯގެ ރޭގެ ޕްރޮގްރާމްގައި މަހްލޫފް ވިދާޅުވީ، ކުރީގެ ސަރުކާރުގައި ކޮންމެ ކުލަބަކަށް އަހަރަކު ދިން ތިން މިލިއަން ރުފިޔާ މިހާރު ނުދިން ނަމަވެސް، އަންނަ ސީޒަންގައި ވެސް ކުލަބުތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ. މިދިޔަ އަހަރު ވެސް ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް 500،000 އާ ގާތް ކުރާ އަދަދަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދިފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

“[އެފްއޭއެމްގެ ރައީސް] ބައްސާމް އާ ކުލަބުތަކާ އެކީގައި އަޅުގަނޑުމެން މަޝްވަރާ ކުރަނަން، އަޅުގަނޑުމެންގެ ފަރަތުން ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލަން، އެއީ ކުލަބުތައް ސަވައިވް ކޮށްދިނުމަށް އަޅުގަނޑުމެންގެ ފަރާތުން ކޮށްދެވެން އޮތް ކަމެއް ކޮށްދޭނަން، ކުލަބުތައް ސަވައިވް ނުވެ ފުޓްބޯޅަ ދެމިއެއް ނޯންނާނެ.”

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ނުވަތަ އެފްއޭއެމުން ކަމަށް ވިޔަސް ކޮންމެ އަހަރަކު ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަކީ ހައްލެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ކުލަބުތައް އަމިއްލަ ފައިމައްޗަށް ތެދުވާނެ އެހެން މަގެއް ދައްކައި ދޭން ޖެހޭ ކަމަށެވެ. އެފްއޭއެމުގެ އުމުރާނީ މަޝްރޫއުގެ ތެރެއިން ތަންތަން ކުއްޔަށް ދީގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައިދޭން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަސައްކަތް ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެފްއޭއެމް އާއި ސަރުކާރަށް ވެސް އެންމެ ފަސޭހަ ގޮތަކަށް ވާނީ ސީދާ ކުލަބުތަކަށް ފައިސާ ލިބޭނެ ވިޔާފަރިއެއް ކޮށްގެން އާންމުދަނީ ލިބޭނެ ގޮތެއް ހޯދުން ކަމަށެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!