IruOnline

މޫނުގެ ހަންގަނޑަށް ނޭނގި ދެވޭ ގެއްލުން

އޮމާން ރީތި ހަންގަނޑެއް ލިބުމަކީ ކޮންމެ މީހަކު ވެސް ދެކޭނެ ހުވަފެނެކެވެ. އަދި ބިހި ނެގުމާއި، މޫނު ތެޔޮވުން ނުވަތަ ކުރަކިވުން ފަދަ ކަންކަމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުވައިލާ ކަންކަމެވެ. ނަމަވެސް، މޫނުގެ ހަންގަނޑަށް ގެއްލުންވަނީ، ތިމާއަށް ނޭނގި ހެދޭ ގޯސްތަކަކުން ކަން އެނގޭ ހެއްޔެވެ؟ އެހެނަސް ޤުދުރަތީ ކަމެއްގެ ސަބަބުން މޫނުގެ ހަންގަނޑަށް ދިމާވާ މައްސަލަތައް، މީގައި އިސްތިސްނާ ވާނެއެވެ.

1. ސައިބޯނިން މޫނު ދޮވުން

ގައިގައި އުނގުޅާ ސައިބޯންޏަކީ، މޫނުގެ ހަންގަނޑާ ގުޅޭ އެއްޗެއް ނޫނެވެ. މޫނު ދޮންނަން ޖެހޭނީ، އެކަމަށް ހާއްސަކޮށްފައި ހުންނަ އެއްޗަކުންނެވެ. އެހެންނޫނަމަ، ބިހި ނަގައި ގޮތްގޮތް ވުމަށް މަގުފަހިވާނެއެވެ.

2. ފެން ނުބުއިން

މިއީ އަބަދުވެސް އިވޭ ވާހަކައެކެވެ. ކޮންމެ މައްސަލައެއް ދިމާވެގެން އުޅުނަސް ގިނަ މީހުންގެ ލަފައަކަށް ވާނީ ގިނައިން ފެން ބުއިމަށެވެ. ނަމަވެސް އެއީ ތެދެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ، އެކި އެކި މައްސަލަތައް ކުރިމަތިވެއެވެ. އޭގެން އެއް މައްސަލައަކީ މޫނުގެ ހަންގަނޑަށް ގެއްލުންވުމެވެ. އެހެންކަމުން، އަބަދުވެސް ގިނައިން ފެންބުއިމަށް އާދަކުރަން ވާނެއެވެ.

3. ހަމާ ނުގުޅޭ ޕްރޮޑަކްޓެއް ބޭނުންކުރުން

އެކި މީހުންގެ ހަންގަނޑާ ގުޅޭނީ އެކި ވައްތަރުގެ ޕްރޮޑަކްޓެވެ. އެގޮތުން އަވަހަށް ތެޔޮވާ ހަންގަނޑާއި (އޮއިލީ ސްކިން)، ހިކިފައި ހުންނަ ހަންގަނޑު (ޑްރައި ސްކިން)، އަދި ނާޒުކު ހަންގަނޑަށް (ސެންސިޓިވް ސްކިން) އަށް ބޭނުންވާނީ އެއިން ކޮންމެ މައްސަލައަކަށް ޙާއްސަކޮށްފައި ހުންނަ ޕްރޮޑަކްޓުތަކެވެ. އެހެންކަމުން، އެކަކަށް ރަނގަޅު އެއްޗެއް ދެވަނަ މީހަކަށް ރަނގަޅު ނުވުމަކީ ވެދާނެ ކަމެކެވެ.

4. މޫނު ނުދޮވުން

ޤަވާއިދުން މޫނު ދޮވުމަކީ، ހަންގަނޑު ސާފުކޮށް ބެހެއްޓުމަށް އެޅޭ ފިޔަވަޅެކެވެ. ނަމަވެސް ބައެއް މީހުން މިކަން ކުރުމަށް ހަނދާން ނެތެއެވެ. އަދި ޙާއްސަކޮށް، މިދުވަސްކޮޅު އަބަދު ގޭގައި އިންނައިރު، މިފަދަ މުހިއްމު ކަންތައްތައް ވަރަށް ފަސޭހައިން ބޮލުން ކައްސާލާނެއެވެ. ނަމަވެސް، ކޮންމެދުވަހަކު ޤަވާއިދުން ދެފަހަރު މޫނު ދޮވުމަށް އާދަ ކުރަން ވާނެއެވެ. އޭރުން ދާހިއްލުމުގެ ސަބަބުން މޫނުގައި ހުންނަ ކުދި ވަޅުތައް (ޕޯސް) ބެދި، މިފަދަ ގޮތްގޮތް ވުމުން ރައްކާތެރި ކޮށްދޭނެއެވެ. އަދި މޫނު ތާޒާ ކޮށްދީ، އުޖާލާ ކޮށްދޭނެއެވެ.

5. ނިދި ހަމަނުވުން

ދުޅަހެޔޮ، އުޖާލާ ހަންގަނޑެއް ހޯދުމަށް އޮތް އަނެއް ސިއްރަކީ، ހަށިގަނޑަށް ބޭނުންވާ ނިދި ހަމަކުރުމެވެ. އެގޮތުން، މަދުވެގެން 8 ނުވަތަ 10 ގަޑިއިރުގެ ނިދި ލިބޭތޯ ބަލަންވާނެއެވެ. މަދުން ނިދި ލިބުމަކީ، މޫނުގެ ސިފަ ގެއްލުވައިލާ ވަރުގެ ކަމެކެވެ. “ބިއުޓީ ސްލީޕް” އޭ ކިޔާ އެއްޗެއް އަޑުއަހަމު ހެއްޔެވެ؟ އޭގެން ވެސް އެނގެނީ، ނިންޖަކީ ތިމާގެ ރީތިކަމަށް އެހީވެދޭ އެއްޗެއް ކަމެވެ.

މަތީގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރަށް، ޤަވާއިދުން މޫނު އެކްސްފޮލިއޭޓު ކޮށް، މޮއިސްޗަރައިޒް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އޭރުން ތި ބޭނުންވާ ކަހަލަ އުޖާލާ ހަންގަނޑެއް ހާސިލްވެދާނެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!