IruOnline

ސްޕެނިޝް ލީގު ޖޫން 11 ގައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު ޖޫން މަހުގެ 11 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ލީގު އަލުން ފަށާނެ ތާރީޚެއް ޓެބާސް އިއުލާން ކުރެއްވިއިރު، މީގެ ކުރިން ގައުމާ މުޚާތަބު ކުރައްވަމުން ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ޖޫން މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސްޕެނިޝް ލީގުގެ ކުޅުންވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު ސްޕެނިޝް ލީގު އަލުން ފެށުމަށް މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، ޓެބާސް ވިދާޅުވީ ޖޫން މަހުގެ 11 ވަނަ ދުވަހު ލީގު އަލުން ފަށަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ލީގު އަލުން ފަށާނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށް ކަމަށާއި، މި ސީޒަން ނިންމާ އަންނަ ސީޒަން ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހު ސްޕެނިޝް ލީގުގެ ކުޅުން ހުއްޓާލިއިރު، މިހާރު ވަނީ 14 ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ކްލަބުތަކަށް ދީފައެވެ.

ސްޕެނިޝް ލީގު އަލުން ފަށަން ތައްޔާރު ވަމުންދާއިރު، ސްޕެއިންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 ށް ޓެސްޓު ކޮށްފަ އެވެ. އެއާއެކު ދެ ޑިވިޝަނުން މީގެ ކުރިން ފަސް ކުޅުންތެރިއަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވްވެފަ އެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!