IruOnline

ހިނާ ޚާންގެ ފިތުރު އީދު: އާއިލާ މީހުންނާއެކީ އަލަށް އީދު ނަމާދު

މިދިޔަ ފިތުރު އީދު ނިމިގެން މިދިޔައީ އެހެން އީދުތަކާ ތަފާތުކޮށް، ގޭގައި ބަންދުވެގެންނެވެ. މާލެ ސިޓީގެ އިތުރުން، އަވަށްޓެރި ޤައުމުތަކުގައި ވެސް މި އަހަރު މުސްލިމުން އީދު ފާހަގަކޮށްފައި ވަނީ ގޭގައި ތިބެގެންނެވެ. އެގޮތުން، އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ހިނާ ޚާން މިވަނީ އޭނާގެ އީދު ދުވަސް ދިޔަ ގޮތް ފޭނުންނާ ހިއްސާކޮށްފައެވެ.

“ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ” ޑްރާމާ ސީރީޒުން މަޝްހޫރުކަން ހޯދި ތަރި ހިއްސާކުރި ގޮތުގައި، މިފަހަރުގެ ފިތުރު ޢީދު މާ ކުލަގަދަކޮށް ފާހަގަނުކުރެވުނަސް، އާއިލާއާއެކީ ވަގުތު ހޭދަކުރެވުމުން ވަރަށް ހިތްހަމަޖެހުނު ކަމަށް ބުންޏެވެ. އަދި ގޭ މީހުންނާއެކީ ގޭގައި އީދު ނަމާދު ކުރީ ހަޔާތުގައި ވެސް އަލަށް ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ވަރަށްތަފާތު އިޙުސާސެއް ކުރެވުނުކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އީދު ކެއުން ތައްޔާރުކުރުމުގައި ވެސް ހިނާ ބައިވެރިވިއެވެ. “އަހަންނަކީ އެއްވެސް ވަރަކަށް ކައްކަން އެނގޭ މީހެއް ނޫން. އެހެންވެ އޮންލައިން ކޮށް ރެސިޕީ އަކަށް ބަލައިގެން ކެއްކީ”، ހައިދަރުއާބާދީ މަޓަން ބިރިޔާނީ އަލަށް ތައްޔާރުކުރި ގޮތް ކިޔައިދެމުން ހިނާ ބުނެފައިވެއެވެ.

ހަމައެއާއެކު، ހިނާ ވަނީ އޭނާގެ އީދު ހެދުމާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ހިނާ ކިޔައިދިން ގޮތުގައި، މިފަހަރު އީދަށް އާ ހެދުމެއް ގަންނާނެ ފުރުސަތެއް ނުލިބުނެވެ. ނަމަވެސް އޭނާގެ އަތުގައި ކުރިން ނުލާ ރީތި ހެދުމެއް އޮތުމުން، މިފަހަރު ލީ އެ ހެދުން ކަމަށް ބުންޏެވެ. “މިއީ ވަރަށް ރީތި، ސާދާ ހެދުމެއް”، ހެދުމާ ބެހޭގޮތުން ހިނާ ބުނެފައިވެއެވެ.

32 އަހަރުގެ ބަތަލާ އިތުރަށް ހިއްސާކުރި ގޮތުގައި، ލޮކްޑައުންގައި އެންމެ “މިސް” ވަނީ ރައްޓެހިންނާއެކީ ބޭރަށް ކާން ދިޔުމެވެ. އަދި އެކި ތަންތަނަށް ދަތުރު ދިޔުންވެސް ވަރަށް ހަނދާންވާ ކަމަށް ބުނެފައިވެއެވެ. “އެހެންވިޔަސް އަހަންނަކީ ވަރަށް ނަސީބުގަދަ މީހެއް. އަދި އަހަންނަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކުރަން. އެއީ އަހަރެން ދިރިއުޅޭނެ ގެދޮރު ހުރެފަ، ބަނޑުފުރާ މުއްތިކުރެވޭނެ ގޮތް މަގުފަހިވެފައި ވާތީ. މީގެ އިތުރުން، އާއިލާގެ ކައިރީގަ ހުރެވޭތީ ވަރަށް ހިތްހަމަޖެހޭ. އަހަންނަށް އެނގޭ ވަރަށް ގިނަ މީހުން ހާލުގަ ޖެހިފައި ވާކަން. އެމީހުންނަށް އަހަރެން ކޮންމެދުވަހަކުވެސް ދުޢާކުރަން. އުއްމީދަކީ މި ކަންތައް  ވަރަށް އަވަހަށް ނިމި، އެންމެންގެ ދިރިއުޅުން އާއްމު ހާލަތަށް ރުޖޫއަވުން”، ހިނާ ބުނެފައިވެ.

ބިގް ބޮސް 11 ގައި ބައިވެރިވެ ދެވަނައަށް ދިޔަ ހިނާ އަކީ، މިހާރު ބޮލީވުޑުގައި ވެސް މަސައްކަތްކުރާ ފަންނާނެކެވެ. އެގޮތުން ބޮޑު ސްކްރީނަށް ހިނާ ތަޢާރަފުވީ މި އަހަރު ކުރީކޮޅު ނުކުތް “ހެކްޑް” ފިލްމުންނެވެ. މީގެ އިތުރުން ހިނާ ވަނީ ސްޓާ ޕްލަސްގެ އެންމެ މަޤުބޫލު އެއް ސީރީޒް ކަމަށްވާ “ކަސޯޓީ ޒިންދަގީ ކޭ” ގެ ދެވަނަ ސީޒަނުގައި ކޮމޮލިކާގެ ރޯލު ކުޅެފައެވެ. ނަމަވެސް ވަކި ހިސާބަކުން ހިނާ ވަނީ އެ ޝޯއާ އަލްވަދާޢު ކިޔާފައެވެ. ހިނާ އަކީ ހިންދީ ޓީވީ ސީރީޒްތައް ކުޅޭ އަންހެން ބަތަލާއިންގެ ތެރެއިން އެންމެ އަގުބޮޑު އެއް ބަތަލާއެވެ

ތާނަ ލެޓިން އިން ލިޔުއްވާ!