މަސްވެރިކަމުގެ ގަވައިދު އެކުލަވައިލުމަށްވުރެ މުހިއްމުވީ އީޔޫގެ ރެކޮމެންޑޭޝަންގައިވާ ކަންކަން ނިންމުމަށް: މިނިސްޓަރ ޒަހާ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމު ކޮށްފައިވާ ގިނަ ޤަވާއިދުތައް ހެދުމަށްވުރެ އިސްކަމެއްދިނީ މަސްވެރިކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދީފައިވާ ރެކޮމެންޑޭޝަންގެ މަސައްކަތްތައް ނިންމުމަށް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަމާއި ގުޅިގެން އީޔޫއިން ރެކޮމެންޑޭޝަންތަކެއް ދީފައިވާ ކަމަށެވެ. އަދި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލުމަށްވުރެ އެ މަސައްކަތް ނިންމުމަކީ މާ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމު ކޮށްފައިވާ ގިނަ ޤަވާއިދު ޤަވާއިދުތައް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ޤާނޫނުގައި ބުނެފައި ވެއެވެ.

ޒަހާ ވިދާޅުވީ އީޔޫގެ ރެކޮމެންޑޭޝަންގެ މަސައްކަތްތައް ނުނިންމައިފި ނަމަ ރާއްޖެއިން އެއްވެސް ވަރަކަށް މަހެއް އެކްސްޕޯޓު ނުކުރެވޭނެ ކަމަށެވެ. އަދި ‘އެތެރޭގެ’ ގަވާއިދުތަކެއް އެކުލަވާމުމަށްވުރެ މިވަގުތަށް މުހިއްމުވީ މަސްވެރިކަމުގެ ސިނާއަތަށް ކުރާނެ އަސަރުތަކުން ގައުމު ‘ސަލާމަތް ކުރުމަށް’ ކަމަށެވެ. ގަވާއިދު އެކުލެވޭނެ ތާރީހަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިމަސް ނިމެންވާއިރަށް ގަވާއިދުތައް ހެދިގެންދާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމު ކޮށްފައިވާ ގިނަ ޤަވާއިދު ތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ނިންމިފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީން މިނިސްޓަރ ޒަހާ ވަހީދު މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ނިންމާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!