މޮނީޓަރިންގ ހާލަތުގައިވާ ގެ ތަކެއްގައި މަޖިލީހުގެ 5 މެންބަރުން!

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވާ ގޭތަކުގައި 5 މެންބަރުން އެބަތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން، މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގެ ހާޒިރީ އިއްވަވާ ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާ ފެށިއިރު، 47 މެންބަރުން ޖަލްސާއަށް ހާޒިރު ވެވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވާ ގޭތަކުގައި 5 މެންބަރުން އެބަތިއްބެވި ކަމަށާއި އެ 5 މެންބަރުންނަށް ޖަލްސާއަށް ވަޑާއިނުގެންނެވޭ ކަމަށެވެ. އަދި ތިން މެންބަރަކު ސަލާމުގައިވާ ކަމަށެވެ.

ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތުގައިވާ ގޭގައި ތިއްބެވި 5 މެންބަރުންގެ ނަންފުޅުތަކެއް މަޖިލީހުގެ ރައީސް ވިދާޅުވެފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ މިބާއްވަނީ މާލެ ސަރަހައްދު ފުރަަބަންދު ކުރުމާ ގުޅިގެން މަޖިލީހުގެ އިދާރާގައި ބާއްވާ ފުރަތަމަ ޖަލްސާ އެވެ. ކޮވިޑް-19 އާ ގުޅިގެން، އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބާއްވަމުން ގެންދިޔައީ ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.

އަދި މިއީ އެ މެންބަރަކު ހުންނެވި ތަނެއްގައި ހުންނަވައިގެން، އޮންލައިންކޮށް، މަޖިލީހުގެ ޖަލްސާތައް ބާއްވާ ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!