ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަލުން އެލަވަންސް ދޭނީ

ކޮރޯނާވައިރަސް (ކޮވިޑް19) އާ ގުޅިގެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް މެދުކަނޑާލި ނަމަވެސް، އަލުން އަނެއްކާވެސް ކުޅުންތެރިންނަށް އެލަވަންސް ދޭން ކުޅިވަރާ ބެހޭ ވުޒާރާ އިން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ވެސް ހުއްޓާލާފައިވާއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ކުޅުންތެރިންގެ އެލަވަންސް އަކީ ކުޅުންތެރިންގެ ހާޒިރީ އާއި ފަރިތަކުރުންތައް ދާގޮތަށް ބެލުމަށް ފަހު ދެވޭ އެއްޗެއް ކަމުން، މި ދަނޑިވަޅުގައި ކުޅުންތެރިންގެ އެލަވަންސް ނުދޭކަން ހާމަކުރައްވާފައެވެ.

އެކަމާ ދެކޮޅަށް ބައެއް ކޯޗުންނާއި ކުޅިވަރު ތަޖުރިބާކާރުން އަޑުއުފުލުމުން، ވަޒީރު ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި ކުޅިވަރު އެތުލީޓުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. މުޢުތަބަރު ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ކުޅުންތެރިންނަށް އަލުން އެލަވަންސް ދޭން ވަޒީރު މިހާރު ވަނީ ނިންމަވާފައެވެ. އެގޮތުން މިހާތަނަށް ނުދެވި ހުރި ފައިސާ އާއި އަދި ކުރިއަށް އޮތް މަސްތަކުގައި ވެސް ދޭން ޖެހޭ ފައިސާ ދެމުން ގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގައުމީ ޓީމުގެ 328 ކުޅުންތެރިންނަށް ސަރުކާރުން ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި އަންނަނީ ދެމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ އަންހެން އަދި ފިރެހެން ކުޅުންތެރިން ތަފާތު ކުރުމެއް ނެތި ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސް ދޭން ނިންމާފައެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ވައިރަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ މެދުކަނޑާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!