IruOnline

އަނަންޔާ ޕާންޑޭގެ ފޭސް މާސްކު ރެސިޕީ ވަރަށް ފަސޭހަ!

މޫނުގެ ހަންގަނޑު ރީތިކޮށް އޮމާންކޮން ބެހެއްޓުމަކީ، ކޮންމެ އަންހެނެއްގެވެސް ހުވަފެނެކެވެ. އަދި އެ ބޭނުމުގައި ސެލޫންތަކަށް ގޮސް ފޭޝަލް ޓްރީޓްމެންޓުތައް ނަގާ މީހުންވެސް ބައިވަރެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން އެކަމަށް ވަނީ ހުރަސްއެޅިފައެވެ. އެހެންކަމުން ދެން އޮތް ގޮތަކީ، ގޭގައި ތިބެގެން އަމިއްލައަށް ފޭސް މާސްކު ތައްޔާރުކުރުމެވެ. މިކަމަށް އޮތް އުފާވެރި ޙަބަރަކީ، މި ދުވަސްވަރު ކަރަންޓީނުގައި ތިބެގެން މަޝްހޫރު ތަރިން، އެމީހުންގެ މޫނު ރީތިކޮށް ބެހެއްޓުމަށް ހާކާ ޤުދުރަތީ އެއްޗެހި ފޭނުންނާ ހިއްސާކުރަމުން ދާކަމެވެ. މިފަދަ ފޭސް މާސްކެއްގެ ރެސިޕީ ދާދިފަހުން ހިއްސާކޮށްފައި ވަނީ ބޮލީވުޑުގެ ކުރިއަރަމުން އަންނަ ތަރި އަނަންޔާ ޕާންޑޭއެވެ.

21 އަހަރުގެ ޒުވާން ބަތަލާ އިންސްޓަގުރާމުގައި ހިއްސާކޮށްފައިވަނީ އޭނާގެ މަންމަ ދަސްކޮށްދީފައިވާ “ޑީއައިވައި” (ޑޫ އިޓް ޔޯސެލްފް) ފޭސް މާސްކެއް ތައްޔާރު ކުރާނެ ގޮތެވެ. އެގޮތުން އަނަންޔާގެ ފޭސް މާސްކުގައި ހިމެނެނީ ބަދިގެއިން ފަސޭހައިން ލިބެން ހުންނަ ތިން ބާވަތެކެވެ. އެއީ ޔޯގަޓާއި، ރީނދޫ އަދި މާމުޔެވެ. މި ތިނެތި އެއްކޮށްލާފައި ޕޭސްޓެއް ހެދުމަށްފަހު މޫނުގައި ހާކާނީއެވެ.

މި މާސްކުގައި ހިމެނޭ އެންމެ މުހިއްމު އެއްޗަކީ ރީނދުލެވެ. އޭގައިވާ އެންޓި-އިންފްލެމޭޓަރީ އަދި އެންޓިއޮކްސިޑެންޓް މާއްދާގެ ސަބަބުން، ހަންގަނޑު ހިރުވައި ބިހި ނެގުން ފަދަ ކަންކަމުން ރައްކާތެރި ކޮށްދީ، އޮމާންކޮށްދެއެވެ. އަދި ޔޯގަޓާއި މާމުޔަކީވެސް ހަންގަނޑަށް މަޑުކަން ގެނެސްދީ، އޮމާންކޮށް ބެހެއްޓުމަށް އެހީވެދޭ ބާވަތްތަކެކެވެ.

އަނަންޔާ ކިޔައިދިން ގޮތުގައި، މި މާސްކު ބޭނުންކުރާ ކޮންމެ ފަހަރަކު އޭނާގެ މޫނު ތާޒާވެ، އަލިކަން ގެނެސްދެއެވެ. ނަމަވެސް ރީނދުލަކީ ކުލަ ހިފާ އެއްޗަކަށް ވުމުން، މި ޕޭސްޓު ހާކައިގެން މާގިނައިރު ހުރުމަކީ ރަނގަޅު ކަމެއް ނޫންކަން އަނަންޔާ ހަނދާން ކޮށްދެއެވެ. “އެންމެ ގިނަވެގެން 10 ނުވަތަ 15 މިނެޓު ފަހުން ދޮވެލަން ޖެހޭނެ”، އެ ވީޑިއޯގައި އަނަންޔާ އިރުޝާދުދެއެވެ.  

  1. ހާދަ ރީތި ކުއްޖެކޭ ދޯ. ماشاء الله

    0
    0

ތާނަ ލެޓިން އިން ލިޔުއްވާ!