ފްރެންޑްސް ތީމުގެ ކައްކާ ފޮތެއް ނެރެނީ!

މީގެ 16 އަހަރު ކުރިން ނިންމާލި ކާމިޔާބު އެމެރިކަން ސިޓްކޮމް، “ފްރެންޑްސް” ތީމުގެ ކައްކާފޮތެއް ނެރެން ތައްޔާރުވަމުން އެބަދެއެވެ. މި ފޮތަކީ އެމެންޑާ ޔީ ނަމަކަށް ކިޔާ ޝެފެއް ލިޔާ ފޮތެއް ކަމަށް، ބަޒްފީޑުން ރިޕޯޓުކުރެއެވެ.

މި ކައްކާ ފޮތުގައި 90 އަށްވުރެ ގިނަ ރެސިޕީ ހިމެނޭއިރު، އޭގެން ކޮންމެ ރެސިޕީ އަކީވެސް ފެރެންޑްސްގެ އެޕިސޯޑުތަކުގައި ފެނިފައިވާ ކާއެއްޗެހިން ޙިޔާލު ހޯދައިގެން ހަދާފައިވާ ރެސިޕީތަކެއް ކަމަށް ބަޒްފީޑުން ހާމަކުރެއެވެ. އޭގެތެރޭގައި ޝޯއިން ވަރަށް ފާހަގަކޮށްލެވޭ ކާތަކެތީގެ ރެސިޕީވެސް ހިމެނެއެވެ.

“ފްރެންޑްސް” ތީމުގެ ކައްކާ ފޮތް ނެރެން ހަމަޖެހިފައި އޮތީ މި އަންނަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހެވެ. އެއީ “ފްރެންޑްސް” ޝޯއަށް 26 އަހަރު ފުރޭ ދުވަސް ވެސް މެއެވެ. ކޮންމެއަކަސް، މި ޙަބަރަކީ “ފްރެންޑްސް” ގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެ ކަން ޔަޤީނެވެ.

2004 ވަނަ އަހަރު “ފްރެންޑްސް” ނިންމާލިޔަސް، އެ ޝޯގެ ފޭނުންގެ މެދުގައި އަދިވެސް އެއީ ވަރަށް މަޤުބޫލު ޝޯއެކެވެ. އެގޮތުން، ނެޓްފްލިކްސްއިން “ފްރެންޑްސް” ސްޓްރީމު ކުރަން ފެށުމުގެ ނަތީޖާއަކަށްވީ، އާ ފޭނުންތަކެއް އުފެދުމެވެ. އަދި މި ޝޯއަށް އޮތް ފަނޑުވުމެއް ނެތް ތަރުހީބުގެ ސަބަބުން، އޭގައި އުޅޭ މައިގަނޑު ކާސްޓުން ހިމަނައިގެން ޙާއްސަ ރީޔުނިއަން އެޕިސޯޑެއް ދައްކަން އެޗްބީއޯ މެކްސްއިން މި އަހަރު އައީ ތައްޔާރުވަމުންނެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެކަން ވަނީ ފަސްކޮށްފައެވެ.

“ފްރެންޑްސް” އަކީ ނިއު ޔޯކު ސިޓީގައި ދިރިއުޅޭ ހަ އެކުވެރިންގެ ހަޔާތުގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ސިޓްކޮމްއެކެވެ. އަދި މިއީ 90 ގެ ކުރީކޮޅު ދެއްކި ސިޓްކޮމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ޝޯއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!