ވާހަކަ: ކުށް ހީ

ނީނާގެ ހަނދާންތަށް މިއަދު އަހަރެންގެ ހިތަށް ހާދައެބަ އުނދަގޫކުރެއެވެ. އެރީތި ހިނިތުންވުން ސިފަވާ ކޮންމެ ފަހަރަކު ލޯބިން ކޮއްޓާލާ ހެއްވާލަން ބޭނުންވެއެވެ. އޮމާން ސާފުމޫނު ހިތަށް ތަސްވީރުކުރެވޭ ހިނދު އެމޫނުގައި ބޮސްދިނުމަށް ކެތްމަދުވެއެވެ. އެބޮޑު ދެލޮލުގެ ފުންކަމުގެ ތެރެއަށް ފީނާލުމަށް ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް ދުވަހަކުވެސް ބައްދަލުވެފައި ނުވާ ކުއްޖަކަށް މިހިތުން އެހާބޮޑު ޖާގައެއް ދެވުނީ ކީއްވެބާއޭ އަބަދުވެސް ސުވާލުކުރެވެއެވެ.

އަހަރެންނާއި ނީނާގެ ގުޅުން ފެށިގެން އައީ މީގެ ހައެއްކަ މަސް ކުރިންނެވެ. އެރޭ އެތެރެގޭގައިހުރި ފަންކާ ހަލާކުވެފައި ހުރުމުން ހޫނުވާތީ ނުނިދިގެން ނިކުމެ އަހަރެން އޮތީ ގޯތިތެރޭގައި ހުރި އުދޯލީގައެވެ. ހެއްލާލަ ހެއްލާލާ އޮތްނަމަވެސް ލޮލަށް ނިދި އަންނަގޮތެއްނުވެއެވެ. އަހަރެންގެ އުމުރުން 4 އަހަރުގައި ބައްޕަ ނިޔާވިފަހުން ދިރިއުޅެންޖެހުނު ނިކަމެތި ކަމާދޭތެރޭގައި ފިކުރު ބޮޑުވެފައި އޮވެވުނީއެވެ. މިއަދާ ހަމައަށް ހޭދަމިވީ 23 އަހަރު މަންމަ ހޭދަކުރި ހިތްދަތިކަން އަހަރެންނަށް ހަނދާނަށް އަންނަ ކޮންމެ ވަގުތަކު ރޮވެއެވެ. ކިރުސައި ނޫނީ ނުބޯން އަހަރެން ކުޑައިރު ބޮޑާހާކާ ހަނދާން އަހަރެންވެއެވެ.  މަންމަ ނިކަން ލޯބިން އަހަރެންނަށް ވިސްނާދީފައިގޮސް ބަދިގޭގައި ހުރެ ރޯތަން އަހަރެން ކިތަންމެ ފަހަރަކު ދުށީމެވެ.އަހަރެން ފެނުމުން ބުރުގައިން ލޯފެހާ ހިނިތުންވެލާ މަނޒަރު މިހާރުވެސް ކުރިމަތީގައި ތަސްވީރުވެއެވެ. ހޫނުވެގެން ނުނިދިފާ އޮތިއްޔާ އަތުފަންކާއިން ވިއްސާލަދީދީ އިންނަ ހަނދާން އާވުމުން ހިތަށް މިހާރުވެސް އަސަރުކުރެއެވެ.

ރަށުގެ މީސްމީހުންނަށް މަސައްކަތްކޮއްލައިދީގެން މިރަށުން ކިޔަވައިދެވޭނެ އެންމެ ރަގަނޅަކަށް އަހަރެންނަށް މަންމަ ކިޔަވައިދިނެވެ. ފަން ޖިފުޓި، ކޮންމެވެސް ވަރަކަށް ރާނާ އެތެރެގޭ ހަދާލެވުނީ އަހަރެން ސުކޫލުނިމި މަންމަ ފަދައިން މީސްމީހުނަށް މަސައްކަތް ކޮއްލައި ދީގެން އާމްދަނީ ހޯދަން ފެށުމުންނެވެ.

މީރު ކާތަކެއްޗާއި ރީތި އަންނައުނާ ނުލިބުނަސް މަންމަގެ ލޯބިން އަހަރެންގެ ދިރިއުޅުން ތަނަވަސްކޮއްދެއެވެ. އަހަރެން ނޫން މީހަކު މަންމަގެ މިދުނިޔެގައި ނެތެވެ. އަހަރެން ވަޒީފާއަށް ރަށުން ބޭރަށް ދިއުމަށް މަންމަ ކިތަންމެ އެދުނަސް މަންމައާއި ވަކިން އެއްވެސް ތާކަށް އަހަރެން ދާކަށް ބޭނުމެއް ނޫނެވެ. މަންމަގެ ގާތުގައި މަންމަ އަށް ޙިދުމަތް ކޮއްދިނުމަށް އަހަރެން ބޭނުމީ ރަށުގައި ހުންނާށެވެ. ކިތަންމެ ކުޑަ މުސާރައެއް ލިބުނަސް އަމިއްލަ މީހެއްގެ އޮފީހުގައި ޕިއޯނެއްގެ ވަޒީފާ އަދާމިކުރަނީވެސް އެ ސަބަބަށްޓަކައެވެ. އެރޭ އެފަދަ ހިޔާލުތަކެއްގައި އަހރެން ވަނިކޮށް ސިއްސުވާލީ  ފޯނަށް އައި މެސެޖަކުންނެވެ.

 މެސެޖުގައި ވަރަށް ސާފުބަހުން ކޮފީއަކަށް ދިއުމަށް ދައުވަތު ދީފައިއޮތެވެ؟ މެސެޖު ކިޔާލުމުން އެއީ އޮޅިގެން އަހަރެންނަށް ލިބުނު މެސެޖެއްކަން ވަރަށް ރަގަނޅަށް ފަހުމުވިއެވެ.

 ” ގުޑް ނައިޓް އަޔާން” މިހެން ލިޔެފައި އޮތުމުން އެއީ މި ނިޔާޒުއަށް އައި މެސެޖެއް ނޫންކަން އެގުނެވެ. އެހެން ނަމަވެސް ނިދި ނައިސް އޮތުމުން ސަކަރާތް ޖަހާލުމުގެ ނިޔަތުގައި މެސެޖަށް ޖަވާބުދިނީމެވެ. މި ސަކަރާތް މިހާބޮޑު ގުޅުމަކަށް ބަދަލުވެދާނެކަން އެދުވަހު ކުޑަކޮއްވެސް ހިތަކަށް ނާރައެވެ. ކޮފީއަށްދާ މަޤުޞަދު ބުނުމަށްއެދި އަޔާންގެ ނަމުގައި އަހަރެން މެސެޖު ކޮއްލީމެވެ. ލިބުނު ޖަވާބުން އިތުރަށް މަޖާކޮއްލުމުގެ ފޯރި އާލާވިއެވެ. ބޮޑު ވާހަކައެއް ބުނަންވެގެނޭ ބުނީތީ ކޮން ވާހަކައެއްތޯ ސުވާލުކުރީމެވެ. ބައްދަލުވުމުން ނޫނީ ނުބުނެވޭނެކަމަށް ބުނެ އޭނާ ގޮތުގައި ހިފެހެއްޓިއެވެ. އަހަރެންވެސް ހުރީ ގޮތްދޫކުރާ މޫޑަކު ނޫނެވެ. މެސެޖުކުރުމަކީ އާއްމުކޮށް އަހަރެން ކޮށްއުޅޭ ކަމެއް ނޫނެވެ. އެހެންނަމަވެސް މިއީ މަޖާކަމެއްކަން އަހަރެންނަށް އިޙްސާސްވިއެވެ. މޫނުމަތީގެ ހަރަކާތްތަކާތްތަށް ނުފެނުނަސް އަޑަށްއަންނަ ބަދަލުތަށް ނީވުނަސް އިންސާނެއްގެ ހިތާ ސިކުނޑިއާއި ކުޅެލެވިދާނެކަން އަހަރެންނަން ޤަބޫލުކުރެވުނެވެ. މިގޮތަށް  އެތަށް ވަހަކައަކަށް ފަހު ނީނާ އެބުނަން އުޅުނު  ބޮޑުވާހަކަ އޭނަ ލައްވާ  ބުނުވީމެވެ.

އެއްވެސް ޖެހިލުމެއްނެތި އަންހެންކުއްޖަކު ލޯބިހުށައެޅީތީ އަހަރެން ވަރަށް ހައިރާންވިއެވެ. އެހެން ނަމަވެސް ކަންކަމާ ކުރިމަތިލާންކެރޭ ހިއްވަރުހުރި ކުއްޖެއްކަން އެގުނެވެ. ހަމަވިސްނުމަށް އައީ އެހިސާބުންނެވެ. އެހާ ހިއްވަރުކޮއްފާ ނީނާ އެ ލޯބި ހުށައެޅީ އޭނާ އެންމެ ލޯބިވާ އަޔާނަށެވެ. އެކަމަކު އަހަރެންނަކީ އަޔާން ނޫންކަން އެގުމުން ނީނާގެ ހިތަށް ކޮއްފާނެ އަސަރު އިޙްސާސްކުރެވުނީ ދެނެވެ. އަހަރެން ގަނޑުވި ކަހަލައެވެ. ދޭނެ ޖަވާބެއް ނޭގި ފޯނު ނިންވާލާފައި އެތެރެއަށްވަނީމެވެ. ވިސްނުމެއްގައި އޮއްވާ އެރޭ ނިދުނު އިރެއްވެސް ނޭގުނެވެ.

 އަހަރެންނަށް ހޭލެވުނީ މެންދުރު 1 ޖަހަނިކޮން މަންމަ ގޮވީމައެވެ.  އަހަރެން ތެދުވެ ފުރަތަމަވެސް ފޯނު ހުޅުވާލީމެވެ. އެތަށް މެސެޖެއް އައިސް ހުއްޓެވެ. ޖަވާބެއްގެ އިންތިޒާރުގައި އޮވެ ނީނާ ކޮއްފައިވާ މެސެޖުތަކެވެ. އަހަރެން އަނެއްކާވެސް ހާސްވާ ގޮތްވިއެވެ. ތެދުވާހިތްވެސް ނުވެފައި އަހަރެންނަން އެދުމަތީ ފޮރޮޅިލަ ފުރޮޅިލާ އޮވެވުނީއެވެ. ފޯނު ރިންގުވާން ފެށިއެވެ. ގުޅީ ނީނާއެވެ.

ހަޤީގަތާ ކުރިމަތިލާ، ތެދުބުނުމަށްޓަކައި ފޯނަށް ޖަވާބުދިނީމެވެ. އަހަރެންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮން އެކޮޅުން އައީ ހިތްދަތިކަމާއި ރުޅިވެރިކަމުން ފުރިގެންވާ ބަސްތަކެކެވެ. އެބަސްތަށް އަޑުއަހަމުން ދިޔައިރު އަހަރެންނަށް އިޙްސާސް ކުރެވެމުންދިޔައީ ސީދާ ހިތަށް ހެރެމުންދާ ކަށިތަކެއްހެނެވެ. އަހަރެންނަން އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ އޭނާގެ ހިތުގެ އުދާސްތަށް ބަންޑުން ކޮއްލުމަށްފަހު ފޯނުކަޑާލިއެވެ. އަހަރެންމީ އަޔާންނޫންކަން އޭނައަށް ރަގަނޅަށް އެގިއްޖެއެވެ. އަދި އެބުނާ އަޔާންއެއްގެ ނުރުހުމާއި ކުރިމަތިލާ، އޭނާ ލަދުގަންނަން ޖެހުނުކަންވެސް ވަރަށް ރަގަނޅަށް ހާމަވެއްޖެއެވެ.

އެއީ ރީތި އަޑެކެވެ. ރުޅިއައިސްގެން ވާހަކަދެއްކި ނަމަވެސް ބަސްމަގު ރީތިވެފައި ސާދާކަމުން ރަގަނޅު އަޙްލާޤެއްގެ ކުއްޖެއްކަން އަހަރެންނަށް ޤަބޫލުކުރެވުނެވެ.

އޭނާގެ ނުރުހުން ރުހުމަށް ބަދަލުކުރުމަށް އަހަރެން އިންތިހާއަށް ބޭނުންވިއެވެ. ނޭގިނަމަވެސް އޭނައަށް ހާއްސަކަމެއް ދެވިއްޖެއެވެ.ހިތުގެ ކަނަކުން ޖާގަދެވިއްޖެއެވެ. ހަމްދަރުދީވެވިއްޖެއެވެ. ކަންވީގޮތް އޮޅުން ފިލުވައިދީ މާފަށްއެދިފައި އަހަރެން މެސެޖުކޮއްލީމެވެ. ޖަވާބެއް ނައެވެ. އަހަރެން ހިއްވަރު އެލުވައެއްނުލަމެވެ. ދުވާލަކު އެތަށް ފަހަރަކު މެސެޖުކުރަމެވެ. މާއާފް ކޮއްދިނުމަށްއެދި އާދޭސް ކުރީމެވެ. އެކަމަކު ގުޅާނެ ހިތްވަރެއް ނުލިބުނެވެ.

އެއްރެއެއްގެ އިރާކޮޅެވެ. އަހަރެން ކައިގެން ނިކުމެ ގޭގެ ގޯތިތެރޭގައި އިންޖޯލީގައި ޖައްސާލީމެވެ. ވިސްނެނީ އެ ރީތި އަޑުގެ ސާދާކަމާދޭތެރޭގައެވެ. އަހަރެންނަށް މައާފު ކުރާނެ ނަމައޭ ހިތަށް އަރަނީއެވެ. ކުއްލިއަކަށް ފޯނުރިންގުވާންފެށިއެވެ. އެއީ އެފޯނަކަށް ފާއިތުވި އެއް ހަފްތާ އަހަރެން އިންތިޒާރުކުރި ކޯލެވެ. ނީނާގެ ކޯލެކެވެ.

“ހަ..ހަލޯ” އަހަރެން މަޑުމައިތިރިކަމާއެކު ޖަވާބުދިނީމެވެ.

“ސޮރީ!!! އަހަރެން ރުޅިއައިސް ހުރީމަ އެހެންވާހަކަ ދެއްކުނީ..އައިސްހުރި ރުޅީގަ އެހެން ކަންތަށް ކުރެވުނީ…އަސްލު އެހެންވީ އަހަރެންގެވެސް ކުށުން ދޯ…” އޭނަގެ ވާހަކަތަކުން އަހަރެންގެ ހިތަށް ހިތްހަމަޖެހުން ލިބި ބޮލަށް ލުއިވިއެވެ. އެރޭ އަހަރެމެން ދެމީހުން އެތަށްވާހަކައެއް ދެއްކީމެވެ. އަސްލު ހަޤީޤަތުގައި މިގުޅުން ފެށުނު ހިސާބަކީ އެއީއެވެ.

 އޭގެފަހުން މިއަދަށް 4 މަސްވީއިރު ސޮރީއަކުން ފެށުނު މިގުޅުން މިވަނީ ވަކިނުވެވޭނެ ބަދަހި ލޯއްބަކަށް ބަދަލުވެފައެވެ. ނީނާގެ އެތަށް ފޮޓޯއެއް އަހަރެންގެ އަތުގައި އެބަހުއްޓެވެ. ކޮންމެ ދުވަހަކު އެތަށް ފަހަރަކު އެހަނދާނުގައި އެފޮޓޯތަކަށް ބަލާލަބަލާލާ އޮންނަމެވެ. އެހެންނަމަވެސް ދުވަހަކުވެސް އަހަރެންނަށް ބައްދަލުކޮއްލުމުގެ ފުރުސަތެއް އަދި ނުލިބެއެވެ. މިއަދު އެހާވަރަށް ނީނާމަތިން މިހަނދާންވަނީ އެއިންތިޒާރުގެ ނިމުން އަންނާތީ ކަންނޭގެއެވެ.

އޮފީސްދަތުރެއްގައި އަންނަމަހު މިއަތޮޅަށް އަންނަން ޖެހޭވާހަކަ ނީނާ ބުނީންސުރެން އަހަރެންގެ ހިތް އެދުވަހަށް އިންތިޒާރުކުރެއެވެ. ބައްދަލުކޮއްލާ އެއޮމާން މޫނު ކައިރިން ދެކިލުމަށްއެދި ހިތްރޮނީއެވެ. ނީނާ އަންނަ ދުވަހަށް އެރަށަށް ދެވޭނެ ހުރިހާ އިންތިޒާމެއްވެސް އަހަރެން މިހާރު ހަމަޖައްސައިފީމެވެ. އަންނަނީ އެންމެ ދުވަހަށްވީތީ މަސައްކަތުން އަވަދިވެ ލިބޭހުސްވަގުތުތަށް ހޭދަކުރާނީ އަހަރެންނާއެކު ކަމަށް އޭނާވެސް ވައުދުވިއެވެ. އެއުފާވެރި ކަމުގެ ފޮނި އިންތިޒާރުގައި އަހަރެން ދުވަސްތަށް ގުނީމެވެ.

ނީނާ އައުމުގެ 1ދުވަސްކުރިން އަހަރެން އެރަށަށް ދާން ނިންމީމެވެ. އެއީ ނީނާއަށް އެރަށުން މަރުޙަބާ ކިޔާ ފުރަތަމަ މީހާއަށް އަހަރެން ވާން ބޭނުންވާތީއެވެ. އަހަރެން ރަށުން ފުރައިގެން ދިޔައީ ރަޙްމަތްތެރިއެއްގެ ކައިވެނި ޕާރޓީއަށްކަމަށްބުނެ މަންމައަށް އޮޅުވާލާފައެވެ. މަންމައަށް ދޮގުހަދަންޖެހުމުން ވަރަށް ދެރަވިއެވެ. މީގެ ކުރިން ދުވަހަކުވެސް އެއްވެސް ކަމެއް މަންމައަށް އޮޅުވާލާފައެއް ނޯންނާނެވެ. އެހެން ނަމަވެސް މިފަދަކަމަކަށް ރަށުން ބެރަށް ދިއުމަށް މަންމަގެ ރުހުން ނުލިބިދާނެތީ ބިރުގަންނަނީއެވެ. އެހެން ނޫނަސް ނީނާގެ އާއިލާ އާއި ދިރިއުޅުން އޮންނަ ގޮތެއް ކީއްކުރަން ރަޙްމަތްތެރިއެއްގެ މައުލޫމާތެއްވެސް އަހަރެންނަކަށް ނޭގެއެވެ. ކޮންމެ ހާލެއްގައިވެސް ނީނާއާއި ބައްދަލުވުމަކީ މިއަދުކުރެވޭ އެންމެބޮޑު އިންތިޒާރެވެ. ބައްދަލުވުމުން ގިނަ އެއްޗެހިތަކެއް އެގިގެންދާނެކަމަށް އަހަރެން ގަބޫލުކުރަމެވެ. ހަމަގައިމުވެސް މިޒާޖުން ކޮންމެސް ވަރެއް އެގޭނެއެވެ. މިބައްދަލުވުމަށްފަހު މަންމައަށް ހުރިހާ އެއްޗެއް ސާފުކޮއްދޭނަމެވެ. އެހެންނަމަވެސް މިވަގުތު މިކަން އެންގުން އެންމެ ރަގަނޅުނުވެދާނެއެވެ.

އަހަރެންނާ ނީނާގެ އިތުރުން މިކަމުގެ ހަޤީޤަތް އެނގޭ ހުންނާނީ އެންމެމީހެކެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒިއާންއެވެ. ދިރިއުޅުމުގައި ދިމާވި ކޮންމެ ކަމެއްގައި އަބަދުވެސް އެންމެ ގާތުގައި ހުރިމީހަކީ އެއީއެވެ. މި ދަތުރުގެ ޙަރަދާ މިކަމުގެ ހުރިހާ ކަމެއްގައި އަހަރެންނަށް އެހީތެރިވެދޭ ބައިވެރިއަކީވެސް އެއީއެވެ.

ދިރިއުޅުމުގެ ކަންތައްތަށް ހުންނަގޮތުން މާގިނަ ރަޙްމަތްތެރިން ތަކެއް ނެތަސް ޒިޔާނުއެކަނި ހުރުމުންވެސް އަހަރެނަން ފުދެއެވެ.

 ދުވަހަކީ ރީތި ދުވަހެކެވެ. ދަތުރުމަތީގައި މާގިނަ ވަގުތެއް ނުވިއެވެ. އެރަށުގެ ޖެޓީއަށް ކައިރިކޮއްލުމާއެކު އަހަރެން ދަބަސް ހިފައިގެން ފުއްމާލީމެވެ. މިރަށަކީ އަހަރެން އުފަންރަށާ ކިތަންމެ ގާތު ގައި އޮތް ރަށަކަށް ވީނަމަވެސް އަހަރެން ދަންނަ މީހަކުވެސް އުޅޭ ރަށެއްނޫނެވެ.

“މިރަށުން އެކޮމަޑޭޝަން ހަމަޖެއްސޭނެގޮތެއް އޮންނާނެތަ؟” އަހަރެން ސުވާލުކުރީ ލޯންޗުގެ ކައްޕިއާއެވެ. އޭނައަކީ މިރަށުމީހެއް ކަމުން ރަށުގެ ކަންތަށްތަށް އެގޭނެ ކަމަށް ބަލާފައެވެ.

އެނާ ދިނީ ފޯނު ނަންބަރެކެވެ. އަހަރެން ޖެޓީ މަތީގައިހުރެ އެނަންބަރަށްގުޅާ ނިދުމާއި ކެއުމުގެ ކަނތަށް ހަމަޖައްސާލީމެވެ. އެކޮޅުން ދިން އެޑުރެހަށް ދިއުމަށްޓަކައި ފޯނު ކަނޑާލާފައި ޖީބައްލުމަށް ފޯނު ތިރިކޮއްލި ވަގުތު އަތުން ދޫވެގެން ފޯނު ވެއްޓުނީ މޫދަށެވެ.

“މަގޭ ފޯނު” އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ.

ވަގުތަކީ އިރުއޮއްސި އަދިރިވަމުން އައިވަގުތު ކަމަށްވީތީ ލޮނުގަނޑުގެ ތެރެއިން ފޯނުހޯދުމަށް އުދަގޫވާނެކަމަށް ކައްޕިބުނުމުން އަހަރެންނަށް ޖެހުނީ ކެއްކުރާށެވެ. ފޯނު ނެގިޔަސް އޭގެބޭނުމެއް ނުކުރެވޭނެތީ އަހަރެންނަން ޖެހުނީ ފޯނު ދޫކޮއްލާފައި އެތަނުންދާށެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!