އެހެން ގައުމުތަކުން ވެސް ސިޔާސީ ލީޑަރުން އެބަ މިނިވަންކުރާ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދޭކަމަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، ޤާނޫނުއަސާސީގައި އިންތިހާބު ފަސްކުރުމަށް މަގުތަކެއް ކޮށާފައިވާކަމަށާއި، އެހެން އެކަންއޮށްވާ މަޖިލީހުން އެކަންކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އެހެން ކަމުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ކަމާއިގުޅޭ ކޯޓަކަށް ހުށަހެޅުމަށް ފަޒުލް ގޮވާލެއްވި އެވެ.
މީގެ އިތުރުން ފަޒުލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާކަމަށެވެ.
“މިއަދުގެ ހާލަތަށް އަޅުގަނޑުމެން ރިއާޔަތްކުރާ ކަމުގައި ވަނީނަމަ ބޭރުދުނިޔޭގަ ގައުމުތަކުން ސިޔާސީ ލީޑަރުން މިނިވަންކުރަންމުން އެބަގެންދޭ. އެންމެ ފުރަތަމަ މިނިވަން ކުރަމުން ގެންދަނީ ސިޔާސީ ލީޑަރުން. އެހެންވީމާ ހަމަ މިދަނޑިވަޅުގައި އަޅުގަނޑު ދަންނަވާލަން އަޅުގަނޑުމެންގެ ރައީސް، ރައީސް ޔާމީން މިނިވަންކޮށްދެއްވާށޭ. ގެއަށް ބަދަލުކޮށްދެއްވާށެ” ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ މިހާލަތުގައި ސަރުކާރުގެ ހަރަދު ބޮޑުތަނުން ކުޑަކުރަންޖެހޭ ކަމަށާއި، ވަޒީފާތައް އިތުރު ކުރުމަށްޓަކައި މަސައްކަތްތައް ކުރަންޖެހޭކަމަށެވެ.