ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހޭދަކޮށްފި

ކޮވިޑް-19 އާ ގުޅިގެން، ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ މިހާތަނަށް ހަަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

“ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރަށް ގޮސް އެ ތިބި، ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. ވަރަށް ބައިވަރު ފައިސާތަކެއް އެބަ ހަރަދުކުރައްވާ. މި ހަރަދު ކުރައްވަމުން ގެންދަވާ އިރު، އަޅުގަނޑުމެންގެ ޒަކާތު ފައިސާ އިން ތިން މިލިއަން ރުފިޔާ، އެ ބޭފުޅުންނަށް ކޮންމެ ވެސް ސަޕޯޓެއްގެ ދިނުމުގެ ގޮތުން، ޒަކާތު ފައިސާ އިން ވާނީ ހަރަދުކޮށްފައި،” ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ބޭރުގައި ތިބި ދިވެހިންނަށް އެހީވުމުގައި ބޭސްފަރުވާ އަށް ގޮސް، އަނބުރާ ނާދެވި ތާށިވެފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ސްރީ ލަންކާ އާއި އިންޑިއާގައި ހާލުގައި ޖެހިފައިވާ ބައެއް މީހުން މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ.

ޒަކާތު ފަންޑުން ހަރަދުކުރަނީ، ޒަކާތު ފަންޑާ ގުޅޭ ކޮމިޓީ އާއި ޒަކާތު ފަންޑު އެޑްވައިޒަރީ ބޯޑުން ހުއްދަދޭ ކަންތައްތައް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ. އެ ދެ ކޮމިޓީގައި ވެސް ދީނީ އިލްމުވެރިން ހިމެނެ އެވެ.

ޑރ. އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރަން ކަނޑައަޅާފައިވާ އަށް ކަމުގެ ބޭރުން ކަންކަމަށް، ނުވަތަ ޝައްކު ކުރެވޭ ކަންތައްތަކަށް ހަރަދު ކުރަނީ އެ އިލްމުވެރިން އެއްބަސްވުމުންނެވެ.

އަދި ވިދާޅުވީ ޒަކާތު ފަންޑުން 16 މިލިއަން ރުފިޔާ މިދިޔަ އަހަރު ބޭސްފަރުވާ އަށް ހަރަދުކޮށްފައިވާ ކަމަށެވެ. ތެލަސީމިއާ ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންވާ ބޯން މެރޯ ސާޖަރީ ހަދަން، ޒަކާތު ފަންޑުން ކޮންމެ އަހަރަކު ވެސް ހަރަދުކުރެ އެވެ. އެ ކުދިންގެ ބޭސްފަރުވާ އާއި ފަރުވާ ހޯދަންދާ ގައުމެއްގައި ދިރިއުޅުމުގެ ހަރަދު ވެސް ކުރަނީ ޒަކާތު ފަންޑުނެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖެ އިން ވެސް ކޮވިޑް-19 ފެނުމުން، ސަރުކާރުން ވަނީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!