ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރުން ހުށަހަޅާ ހާއްސަ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅާފައިވާ “ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020” މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް ވަނީ ފުރަތަމަ ކިޔުން އިއްވައިފައެވެ.
އެބިލުގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު ބޭއްވުމަށެވެ. އަދި އިންތިހާބުގައި ވާދަކުރެވޭނީ މިހާރުވެސް ކުރިމަތިލާފައިވާ ފަރާތްތަކަށް ކަމަށް ބިލުގައި ވެއެވެ. އަދި މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ސިވިލްސާވެންޓުންގެ ސަސްޕެންޝަން އުވާލުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ އޭޕްރިލް ހަތަރު ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކޮވިޑް19 އާއި އާއި ގުޅިގެން އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ އެ އިންތިހާބު އޭޕްރިލް 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
އޭގެ ފަހުން އީސީން ބުނެފައިވަނީ އެ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ކޮމިޝަންގެ މެމްބަރުން ނިންމާފައިވާކަމަށެވެ.