ކޮވިޑް-19 އިން ނެގެޓިވް ވެ ކަނިކާ ހޮސްޕިޓަލުން ދޫކޮށްލައިފި

އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް ބަލިން ފަސޭހަވުމާ އެކު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މަގުބޫލުތައް އެތައް ލަވައެއް ކިޔާފައިވާ 42 އަހަރުގެ ލަވަކިޔުންތެރިޔާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ އިނގިރޭސިވިލާތަށް ކުރި ދަތުރަކަށް ފަހު އިންޑިއާ އަށް އެނބުރި ދިޔަތާ ތިން މަހެއްހާ ދުވަސް ފަހުން ބަލީގެ އަލާމަތްތައްކެއް ފެނިގެން ޓެސްޓްކުރުމުންނެވެ. އޭނާ އަށް ފަރުވާދީ ހޮސްޕިޓަލުން ދޫކޮށްލީ ހަ ވަނަ ފަހަރަށް ހެދި ޓެސްޓް ހޯމަ ދުވަހު ނެގަޓިވްވުމާ ގުޅިގެންނެވެ.

ކަރަންޓީނުކޮށް ކަނިކާ އަށް ފަރުވާ ދިނީ އޭނާ އުފަން ސިޓީ ލަކްނޫގެ ސަންޖޭ ގާންދީ ޕޯސްޓްގްރެޖްއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެސްޖީޕީޖީއައިއެމްއެސް) ގަ އެވެ.

ކަނިކާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުމާ އެކު ވަރަށް ގިނަ ވާހަކަތަކެއް މީޑިއާތަކުގައި ފެތުރިވެ، އޭނާ އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެގޮތުން ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި ބޭރު ގައުމަކުން ދަތުރުކޮށް، އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، އެތައް ބަޔަކާ އޭނާ ބައްދަލުވެ، ގައިގޯޅިކޮށް އުޅެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

“ބޭބީ ޑޯލް” އާއި “ބީޓް ޕޭ ބޫޓީ” ގެ އިތުރުން “ޗިޓިޔަ ކަލައްޔާ” ފަދަ މަޝްހޫރު ލަވަތަކެއް ކަނިކާ ވަނީ ކިޔާދީފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!