ރިސޯޓުން ގެއްލުނު އިންޑިއާ މީހާ އަދިވެސް ނުފެނޭ

މޫދަށް ފުންމާލި ފަހުން ގެއްލިގެން ހޯދަމުން އަންނަ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގެ އިމާމު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ އެ ރިސޯޓުގައި މިސްކިތުގެ މުދިމަކަށް މަސައްކަތް ކުރަމުން އައި މީހެކެވެ.

އެ މީހާ ގެއްލިގެން ރޭ 10:00 ޖެހި އިރު އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވާއިރު އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބުނީ މިހާތަނަށް އެމީހާގެ ހަބަރެއް ވެފައި ނުވާ ކަމަށާއި އެމީހާ ހޯދަން ކޯސްޓްގާޑް ޑައިވަރުން އެކި ސަރަހައްދުތަކަށް ފީނަމުން ގެންދާއިރު ސްނޯކްލިން ކޮށްގެން ވެސް ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

މީގެ އިތުރުން ކަނޑުގެ ސާފޭސް ބެލުމަށް ވެސް ޑައިވަރުން ހަރަކާތްތެރި ވަމުންދެ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، އެ މީހާ ހޯދުމަށް މިހާތަނަށް މޫދުގެ 120,000 ސްކެއާ މީޓަރު ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މީހާ ނުފެންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

“އޭނާ މޫދަށް ފުންމާލި ދިމާ ބަލަމުން އެ ދަނީ. އޮޔާއި ވައި ހުރި ގޮތަށް ބަލައި އެހެން ހިސާބުތައް ވެސް އެބަ ބަލަން،” އޮޕަރޭޝަނާ ގުޅޭގޮތުން އާޒިމް ވިދާޅުވި އެވެ.

ގެއްލުނު މީހާއާ ގުޅޭގޮތުން، ށ. އަތޮޅުގައި ހިންގާ އެ ރިސޯޓްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ފުލުހުން ވެސް އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!