ފޮޓޯ: މިހާރު

އައިސޮލޭޝަން ފެސިލިޓީން ދޫކުރާ މީހުންނާމެދު ތަފާތު ކުރުން ނުގެންގުޅުމަށް އިލްތިމާސްކޮށްފި

އައިސޮލޭޝަން ފެސިލިޓީގައި ތިބޭ މީހުންގެ ތެރެއިން މުޖުތަމަޢަށް ދޫކުރާ މީހުންނާ މެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް އިލްތިމާސްކޮށްފިއެވެ.

ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ޕޮޒިޓިވްވެގެން ނުވަތަ އަލާމާތެއް ފެނިގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް، ފަރުވާ ދިނުމަށްފަހު ރަނގަޅުވެގެން އިތުރަށް ވެސް އެންމެ މަދުވެގެން ދެޓެސްޓެއް ކުރާނެ ކަމަށެވެ. އަދި އެދެޓެސްޓުގެ ނަތީޖާ ނެގެޓިވްވުމާއެކު، އަލާމަތްތައް ފެނުނުތާ 14 ދުވަސް ފަހުން ދޫކޮށްލަނީ އެއްވެސް އަލާމާތެއް ނުފެންނަކަން ޔަޤީންވުމާއެކު ކަމަށެވެ.

ނަމަވެސް އައިސޮލޭޝަންގައި ތިބި ބައެއް މީހުން ރަށަށް ދިއުމުން ނުވަތަ މާލެއަށް އައުމުން ބާކީކޮށް އެކަހެރިކުރާ މަޢުލޫމާތު ލިބޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ފަހަރު ޓެކްސީތަކަށް ނޭރުވުމާއި، ނޫނީ މަސައްކަތަށް ނުކުތުމުން ނުވަތަ ރައްޓެހިންނާއެކު އުޅޭ އުޅުމުގަވެސް އެހެން މީހުން އެކަމާ މައްސަލަ ޖައްސާ ކަންބޮޑުވުންފާޅުކުރާ ކަމަށެވެ.

އެހެންކަމުން އެފަރާތްތައް އެކަހެރިކޮށް ބާކީ ނުކުރުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ހޯމް އައިސޮލޭޝަންގައި ތިބޭ މީހުން ވެސް ދޫކުރަނީ ދެފަހަރެއްގެ މަތިން ކޮވިޑް-19އަށް ޓެސްޓުކުރުމަށްފަހު، ނަތީޖާ ނެގެޓިވްވިޔަސް، އަދި އަލާމާތެއް ނުފެނުނަސް ދޫކޮށްލަނީ 14 ދުވަސްފަހުން ކަމަށެވެ. އަދި މިއީ ޢާންމު ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19އިން ސަލާމަތްވުމަށް ޢަމަލުކުރުމަށް ޞިއްޙީ އިދާރާއިން ނެރިފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢާންމުން ޢަމަލުކުރަންޖެހޭ ކަމަށެވެ. އަދި ވަކި ބަޔަކު ގޭގައި މަޑުކޮށް، އަތްދޮވެ އުޞޫލާ އެއްގޮތަށް ޢަމަލުނުކުރި ނަމަވެސް ބަޔަކު މީހުން ޢަމަލުކުރާ ގޮތުގެ ސަބަބުން ބަލި ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!