ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް، ހާލު ދެރަވުމާ ގުޅިގެން އައިސީޔޫ އަށް ބަދަލުކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ބޮރިސް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައިވަނީ ކޮވިޑަށް ޕޮޒިޓިވްވިތާ 10 ދުވަސް ފަހުން ވެސް އެ ބަލީގެ އަލާމާތްތައް ފެންނަމުން ދިޔުމާއި ގުޅިގެން ޓެސްޓުތަކެއް ހެދުމަށެވެ. ނަމަވެސް އަލާމާތްތައް އިތުރަށް ގޯސްވުމާ ގުޅިގެން މެޑިކަލް ޓީމުގެ އިރުޝާދާއެކު އައިސީޔޫ އަށް ބަދަލުކޮށް ފަރުވާދޭން ފަށާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ހުންނަވާ ގެކޮޅުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް އެމަނިކުފާނު ދިޔައީ އޮންލައިންކޮށް މީޓިންތަކާއި ސަރުކާރުގެ އެކި ކަންކަމުގައި ބައިވެރިވެލައްވަމުންނެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުން ވަނީ އެބަލި ހުއްޓުވަން ޕަބްތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތައްވެސް ބަންދުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ 51,608 މީހަކަސް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު 5,373 މީހަކު ވަނީ މަރުވެފައެވެ.