ރާއްޖެއަށް ހަނީމޫނަށް އައި ދެމަފިރިން ރިސޯޓުގައި ތާށިވެފައި

އޮލީވިއާ، 27، އާއި ރައުލް، 28 އަލަތު ކައިވެންޏަށްފަހު ހަނިމޫނަށް ރާއްޖެއަށް އައީ 6 ދުވަހުގެ ދަތުރަކަށެވެ. އެހެންނަމަވެސް، މާޗު 22 ވަނަ ދުވަހު ސިނަމަން ވެލިފުށި ރިސޯޓަށް އައި މި ދެމަފިރިން ވަނީ އެތާނގައި ތާށިވެ، އެނބުރި ޤައުމަށް ދެވޭ ގޮތް ނުވެފައެވެ. އެއާއެކު، އެމީހުންގެ ހަނީމޫން ދަތުރު މި ވަނީ ދިގުދެމިގެން ގޮސްފައެވެ.

މި ތަޖުރިބާ ކިޔައިދެމުން އޮލީވިއާ ބުނީ، އެމީހުންގެ ހަނީމޫންގެ ހަތަރު ވަނައަށް ވީ ދުވަހު، އެމީހުން ނިސްބަތްވާ ސައުތު އެފްރިކާގެ އެއާޕޯޓުތައް ބަންދުކުރާ ކަމުގެ ޚަބަރު ވަނީ ލިބިފައެވެ. އެއީ މިހާރު ފެތުރެމުންދާ  ކޮރޯނާވައިރަސް ހުއްޓުވުމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ. “އަހަރެމެންނަށް ހަބަރު ލިބުނީ ޖެހިގެން އަންނަ ދުވަހު ސައުތު އެފްރިކާގެ އެއާޕޯޓުތައް ބަންދުކުރަން އުޅޭ ކަމަށް. އެހެންވެ އެންމެ ފުރަތަމަ އަހަރެމެން އުޅުނީ ލޯންޗެއްގަ މައި އެއާޕޯޓަށް ގޮސް އަވަހަށް ފުރަން. އެކަމަކު، އޭރު އޮތީ ރާއްޖޭގަ ވެސް ބޭރުގެ ޓުއަރިސްޓުން ދަތުރު ކުރުން މަނާކޮށްފަ. އެހެންވެ ހިތަށް އެރީ އަނެއްކާ ޤައުމަށް ނުފުރިއްޖިއްޔާ، އަނބުރާ ރިސޯޓަށްވެސް ނާދެވިދާނެޔޭ. އެ ބިރު އޮތީމަ އަހަރެމެން ނިންމީ މަޑުކުރަން”، ބޭރުގެ ނޫހަކާ ވާހަކަ ދައްކަމުން އޮލީވިއާ ކިޔައިދީފައިވާ ކަމަށް ޑެއިލީ މެއިލުން ރިޕޯޓުކުރެއެވެ.

ހަމައެއާއެކު، އޮލީވިއާ ބުނީ، ރާއްޖެ ކަހަލަ ތަނެއްގައި ތާށިވުމަކީ އެތައް ބަޔަކު ދެކޭނެ ހުވަފެނެއް ކަމަށެވެ. ސަބަބަކީ، މިތަނަކީ “ދުނިޔެމަތީގައި ވާ ސުވަރުގެ” ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ، ހިތްގައިމު ތަނަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ. “ވަރަށް އުފާވޭ އަހަރެމެންގެ ހަނީމޫނަށް އިތުރު ވަގުތު ލިބިގެންދާތީ”، އޮލީވިއާ ހާމަކުރިއެވެ.

ރައުލްއާއި އޮލީވިއާ ރިސޯޓުގައި

މީގެ އިތުރުން އޮލީވިއާ ބުނެފައިވާ ގޮތުގައި، ރިސޯޓުން އާންމުކޮށް ކޮންމެ ރެއަކަށް ޗާޖުކުރާ 750 ޑޮލަރަށް ވަނީ ޑިސްކައުންޓެއް ދީ، އަގު ދަށް ކޮދީފައެވެ. “އެކަމަކު ވެސް މިއީ އަހަރެމެން ރައްކާ ކޮށްފަ ހުރި ފައިސާއިން އުނިވާ ބައެއް”، އޮލީވިއާ އޭނާގެ ކަންބޮޑުވުމުން ހާމަކުރިއެވެ.

ސައުތު އެފްރިކާގެ ލޮކްޑައުން ނިމޭނެ ތާރީޚެއް ކަމަށް އިޢުލާނުކޮށްފައި ވަނީ އޭޕްރީލް 16 އެވެ. އެހެންނަމަވެސް، އޭގެ ކުރިން ފުރޭނެ ގޮތެއް ވޭތޯ ބަލަމުން އަންނަ ކަމަށް އެ ދެމަފިރިން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!