ސަލްމާންގެ ނަސޭހަތް ފޭނުންނަށް: ގޭގައި މަޑުކުރޭ، މިއީ ބިރުވެރި ދަނޑިވަޅެއް

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާގައި ލޮކްޑައުން އިޢުލާނު ކުރުމާ ގުޅިގެން، އެ ޤައުމުގެ ގިނަބަޔަކު ވަނީ އެއްތަނުން އަނެއް ތަނެއް ދަތުރު ނުކުރެވި، ގޭގައި މަޑުކުރަން މަޖުބޫރުވެފައެވެ. މި ދަނޑިވަޅުގައި، ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން މި ވަނީ، ގޭގައި މަޑުކުރުމަށް ނަސޭހަތްދީ އޭނާގެ ފޭނުންނާ ވީޑީއޯއެއް ހިއްސާކޮށްފައެވެ.

މިދިޔަ އާދީއްތަ ދުވަހު ސަލްމާން، އޭނާގެ އިންސްޓްގުރާމުގައި ހިއްސާކުރި ވީޑިއޯގައި ފެންނަނީ އޭނާއަށް ބޮޑުބޭބެ ކިޔާ ނިރްވާނާއެކީ އިށީނދެލައިގެން އިންނަ މަންޒަރެވެ. އަދި އެމީހުން އެތިބީ ޕާންވެލްއަށް ދިޔަ ގޮތަށް އެތާނގައި ތާށިވެފައި ކަމަށް ސަލްމާން ހާމަކުރެއެވެ. “އަހަރެމެން މިތަނަށް އައީ ކުޑަދުވަސްކޮޅަކަށް. އެކަމަކު މިހާރު މިތިބީ އިތުރު ތަނަކަށް ނުދެވޭ ޙާލަތުގަ”، ޕާންވެލްގައި ހުންނަ ސަލްމާންގެ ފާމްހައުސްގައި ނަގާފައިވާ ވީޑިއޯގައި އޭނާ ބުނެއެވެ.

އޭގެ އިތުރުން، ސަލްމާން ކިޔައިދިން ގޮތުގައި، އޭނާގެ ބައްޕަ ނުފެންނަތާ ވެސް މިހާރު 3 ހަފްތާ ވެއްޖެއެވެ. އަދި ނިރްވާން ވެސް އޭނާގެ ބައްޕަ (ސޮހެއިލް ޚާން)އާ ދިމާ ނުވާތާ އެހާ ދުވަސް ވެއްޖެ ކަމަށް ބުނެއެވެ. އެހެންނަމަވެސް، ބޭރަށް ދިޔުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމާއި، ކޮރޯނާވައިރަހަކީ ވަރަށް ނުރައްކާތެރި އެއްޗެއް ކަމަށް ސަލްމާން އެއްބަސްވެއެވެ. “އަހަރެމެން ވަރަށް ކެރިގެން މި ބުނަނީ، އަހަރެމެން ވަރަށް ބިރުގަނޭ”، ކޮރޯނާވައިރަސްދެކެ ބިރުގަންނަކަން ހާމަކުރަން ލަދު ނުގަންނަ ކަމަށް ބުނަމުން ސަލްމާން ބުންޏެވެ.

އެއާއެކު، މި ދަނޑިވަޅަކީ ކިހާ ބިރުވެރި އަދި ނުރައްކާތެރި ދަނޑިވަޅެއްކަމާއި، މި ދުވަސްވަރު އެއްގޮތަކަށް ވެސް ބޭރަށް ނުދިޔުމަށް އޭނާގެ ފޭނުންނަށް ހަނދުމަކޮށްދެއެވެ. އަދި އެކަކު އަނެކަކާ ފިޒިކަލް ކޮންޓެކްޓު ނުކުރުމަށް ވެސް ސަލްމާން ނަސޭހަތްތެރިވެއެވެ. “ކޮރޯނާވައިރަސް ދެކެ ބިރުގަންނަންވީ ނިކަން ކެރިގެން. ބިރުގަންނަ މީހުން މިކަމުން ސަލާމަތްވާނީ”، ވީޑިއޯގައި ސަލްމާން ބުނެއެވެ.

ސަލްމާންގެ ވީޑިއޯ މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. އަދި ގިނަބަޔަކު ކޮމެންޓުކޮށްފައި ވަނީ ސަލްމާން ދެއްކި ވާހަކައަށް ތާއީދުކޮށެވެ.

ސަލްމާން ޚާން، 54، އަކީ އާންމުންނަށް އެހީވުމުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ ތަރިއެކެވެ. އެގޮތުން އޭނާގެ ފައުންޑޭޝަން “ބީންގ ހިއުމަން” އަކީ އެހީ ބޭނުންވެފައިވާ އެކިއެކި ފަރާތްތަކަށް މާލީ އެހީ ވަމުން އަންނަ ފައުންޑޭޝަނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!