ކޮރޯނާވައިރަހުން ރަނގަޅުވި އުމުރުން އެންމެ ދުވަސްވީ މީހަކީ 104 އަހަރުގެ އަންހެނެއް

ކޮރޯނާވައިރަހާ ހަނގުރާމަކުރުމަށްފަހު، އެ ބަލިން ފަސޭހަވި އެންމެ މުސްކުޅި މީހާގެ ލަޤަބު، 104 އަހަރުގެ އިޓަލީ އަންހެނަކަށް ލިބިއްޖެއެވެ. އަދި އެ އަންހެން މީހާއަކީ މީގެ ޤަރުނެއް ކުރިން ފެތުރުނު ސްޕެނިޝް ފްލޫ އިންވެސް ސަލާމަތްވެފައި ހުރި މީހެއް ކަމަށް ޑެއިލީ މެއިލުން ރިޕޯޓު ކުރެއެވެ.

 އޭޑާ ޒަނޫސޯ ނަމަކަށް ކިޔާ އެ އަންހެން މީހާ އެންމެ ފުރަތަމަ ބަލިވެގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، އޭނާ ދިރިއުޅޭ މުސްކުޅިން ބަލަހައްޓާ މަރުކަޒުގައި ހުއްޓައި، ކުއްލިއަކަށް ހުން ގަދަވެ، ހޮޑުލައި އަދި ނޭވާއަށް އުނދަގޫވާން ފެށުމުން ވަނީ އެޑުމިޓުކޮށްގެން ފަރުވާދޭ ފަށައިފައެވެ. އަދި އެއީ ކޮރޯނާވައިރަސް ކަމަށް އޭޑާގެ ދަރިފުޅު ވަނީ ޝައްކުކޮށްފައެވެ. ސަބަބަކީ، އޭގެ ކުރިން ވެސް އެ މަރުކަޒުން ކޮރޯނާވައިރަހުގެ ކޭސްތަކެއް ފެނިފައިވާތީއެވެ. އެއާއެކު، އޭޑާ ވައިރަހަށް ޓެސްޓުކުރުމުން ނަތީޖާވަނީ ފައްސިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންނަމަވެސް އޭނާއަށް ފަރުވާދިނުމުން ބަލިން ފަސޭހަ ވެފައިވާ ކަމަށް، ފަރުވާދިން ޑޮކްޓަރު ވަނީ ހާމަކޮށްފައެވެ. “އޭނައަށް މިހާރު ހިނގާބިނގާވެ އުޅެވޭ. ކުރިން ފުރިހަމައަށް ހުރި ހުރިހާ ހިއްސުތަކަށް މިހާރުވެސް ހުރީ ބަރާބަރަށް. އެއްވެސް އުނިކަމެއް ނާދޭ”، އޭޑާގެ ޙާލަތު ކިޔައިދެމުން ޑޮކްޓަރު ބުނެފައިވާ ކަމަށް ޑެއިލީ މެއިލުން ރިޕޯޓުކުރެއެވެ.

އެއާއެކު ޑޮކްޓަރު އިތުރަށް ބުނިގޮތުގައި، މި ޚަބަރަކީ، ކޮރޯނާވައިރަހާ ހަނގުރާމަ ކުރަމުންދާ އެތައް ބަޔަކަށް ލިބޭނެ އުއްމީދަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ޚަބަރު އައިސްފައި މިވަނީ، އިޓަލީން ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަށަށް ދާތީ، އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް އަވަހަށް ލުއިކޮށްފާނެ ކަމުގެ އިޝާރާތެއް އެ ޤައުމުގެ ރަސްމީ ފަރާތްތަކުން އަންގާފައި ވަނިކޮށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކޮރޯނާވައިރަސް ޖެހިގެން އެންމެ ގިނަ އަދަދެއްގެ މީހުން މިހާތަނަށް މަރުވެފައިވަނީ އިޓަލީން ކަމެވެ. އެއީ 73،000 އަށްވުރެ މަތީ އަދަދެކެވެ. އަދި ވައިރަހުގެ އެއް ލައްކައަށްވުރެ ގިނަ ކޭސް އެ ޤައުމުން ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު، ކޮރޯނާވައިރަސް ޖެހިގެން މުޅި ދުނިޔެއިން ރިޕޯޓުކުރި އަދަދު މިހާރު އުޅެނީ އެއް މިލިއަނަށްވުރެ މަތީގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!