މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު ކާފިއު އިއުލާންކޮށްފައި އޮތް ވަގުތުގެ ތެރޭގައި ބޭރުގައި އުޅުނު މީހަކު 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ، މިއަދު ކާފިއު ހިންގި ވަގުތުގައި ފުރަތަމަ ފަހަަރަށް ނަސޭހަތް ދެވިފައިވަނީ 183 ފަރާތަކަށް ކަމަށާއި، އަދި ދެވަނަ ފަހަރަށް ނަސޭހަތް ދެވިފައިވަނީ 6 ފަރާތަކަށް ކަމަށެވެ. ފުރަތަމަ ނަސޭހަތް ދެވުނު 183 މީހުންގެ ތެރޭގައި ހިމެނެނީ 150 ދިވެހިންނާއި 33 ބިދޭސީން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިއަދު 183 ފަރާތަކަށް ފުލުހުން ނަސޭހަތް ދީފައިވާއިރު، އެކަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާ ކުރަނީ ޖައްސަ ޖައްސައިގެން 4 ވަނަ ދުވަހަކު އެމީހަކަށް ނަސޭހަތް ދޭން ޖެހުނީމައި ކަމަށް ފުލުހުން ބުނެއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިދިޔަ ހަފްތާގައި ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.
އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.