ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް މިވަގުތު ޤާނޫނީ ހުރަހެއް ނެތްކަމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާހު ގެނެވިދާނެކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ސުވާލުވެސް އުފައްދަވާފައެވެ.
އޭޖީ ރިފްއަތު މިއަދު ކުރެއްވި ޓްވީޓެއްގައި ފާހަގަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކަމެވެ. އެހެންކަމުން މިވަގުތު ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ގާނޫނު އަަސާސީ އިސްލާހުކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
“ކައުންސިލްތަކުގެ އުމުރު އޮތީ ކަނޑައެޅިފައި. 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން،” ރިފްއަތު ވިދާޅުވި އެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަންޖެހިފައިވާއިރު، ޤާނޫނުއަސާސީ އިސްލާހުކޮށް އެމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވަނިކޮށް ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާހެއް ނުގެނެވޭނެކަމަށް ޤާނޫނު އަސާސީގެ 267 މާއްދާގައި ބަޔާންކޮށްފައިވާތީ މެންބަރުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ހުޅުވާލުމުން ގިނަ މެންބަރުން ވަނީ މިހާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާހު ނުގެނެވޭނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވީ ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފައިކަމަށާއި، ޖޫންމަހުގެ 3 ވަނަ ދުވަހުގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެންކަމަށެވެ. އަދި ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާކަމަށެވެ.