ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލް “ޕީސް ޓީވީ” މީޑިއާނެޓުން ނަގައިފި އެވެ.
ދުނިޔޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރިންގެ ތަފާތު ދަރުސްތަކާއި، ޕްރަގްރާމްތައް ފޮނުވަމުންދާ “ޕީސް ޓީވީ” މީޑިއާ ނެޓުން ނެގުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން މީޑިއާ ނެޓުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ “ޕީސްޓީވީ” ނުލިބޭތީ މީޑިއާ ނެޓްގެ ކޯލް ސެންޓަރަށް ގުޅުމުން އެ ޗެނަލް ދެއްކުން ހުއްޓާލީ އާންމުންގެ އެދުމުގެ މަތިން ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން މީޑިއާ ނެޓުން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމެއްގައި “ޕީސް ޓީވީ” ބަލަން ބޭނުން ނުވާ ކަމަށާ އަދި އެ ޗެނަލް މީޑިއާ ނެޓްގެ ޗެނަލްތަކުގެ ލިސްޓުން ނަގަން ގިނަ ބަޔަކު އެދިފައިވާ ކަމަށް ޖަވާބުދިން ފަރާތުން ބުނެފައިވާ ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެކަމާ ގުޅިގެން މީޑިއާ ނެޓުން ރަސްމީކޮށް އެއްޗެއް ނުބުންޏެވެ.
އިންޑިއާއިން ބޮޑެތި ތުހުމަތުތަކެެއް ކުރަމުންދާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް އިސްކޮށް ހުންނަވާ ހިންގަމުންދާ ޕީސް ޓީވީ އިންޑިއާގައި ދެއްކުން ވަނީ މަނާކޮށްފައެވެ.