ބިދޭސީ މީހާއަށް ހަމަލާދިން މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފަށް

ރ. އިންނަމާދޫގައި ބިދޭސީއަކަށް ހަމަލާދިން މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު އެ ރަށު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކުރަން ނިންމައި، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އިންނަމާދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކަށް ހަމަލާދިން މައްސަލާގައި 38 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން އެރަށު ކޯޓަށް ގެންދިއުމުން އެ މީހުން ދޫކޮށްލަން ވަނީ އަމުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ އެ މީހުންނާ ދެކޮޅަށް ފުލުހުން ހެކި ހުށަހަޅާފައި ވަނިކޮށް ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ. އަދި ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި އެފަދަ ނިންމުމެއް ނިންމާފައިވާތީ އެ ނިންމުން ނިންމި މެޖިސްޓްރޭޓްގެ މައްސަލަ ބަލައިދޭން ޖޭއެސްސީ އަށް ހުށަހަޅާނެ ކަމަށް ވެސް ޝަމީމްގެ ޓްވީޓްގައިވެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީ އައީ ހައްްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގޭގައި ހުރި ގަސްތަކަކަށް ފެންދޭން އުޅުމުގެ ތެރޭގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ މެޝިންތަކަށް ފެންބުރާތީ އެ ވާހަކަ ބަންގްލަދޭޝް މީހާ ބުނުމުން އުފެދުނު ހިތްހަމަނުޖެހިގެނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!