ވެންޓިލޭޓަރތައް މި ހަފުތާގައި މާލެ އަންނާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރތައް މި ހަފުތާގައި މާލެ އަންނާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ގައިމުކޮށްފައިވާ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، މިހާރު ރާއްޖޭގައި ހުރި ވެންޓިލޭޓަރުތައް ބޭނުންކުރެވޭ ހާލަތަށް ގެނެވިފައިވާއިރު، އިތުރު ވެންޓިލޭޓަރުތަކެއް އަންނަ ބުރާސްފަތި ދުވަހު މާލެ އަންނާނެ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޙާލުބޮޑު ބަލިމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭއިރު، މިދިއަ މާރޗު މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައާއި، މާލޭގެ ހޮސްޕިޓަލްތަކާއި، އަމިއްލަ ހޮސްޕިޓަލުތަކާއެކު ޖުމުލަ މުޅި ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރިކަމަށެވެ.

އޭގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވަނީ 70 ވެންޓިލޭޓަރު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 19 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި 13 މީހުން މިހާރު ވަނީ ރަނގަޅު ވެފައެވެ. މި ބަލި ޖެހިފައިވާ އަނެއް ހަތަރު ފަރާތަކީ، އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންތަކެކެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!