ތަފާތު ބަލިތައް ފަސޭހައިން ފެތުރޭ ގޮތަށް، ތޮއްޖެހިފައިވާ ތަންތަނުގައި މިހާރު އުޅެމުންދާ ބިދޭސީން އެ އަށް ވުރެ ރަނގަޅު ތަންތަނަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ކަމާ ގުޅޭ މަސައްކަތްތަކެއް އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ތޮއްޖެހިފައިވާ ގެ ތަކުން އެ އަށް ވުރެ ރަނގަޅު ތަންތަނަށް ގެންދާ ބިދޭސީންގެ އަދަދާއި އެ ތަންތަނުގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.
“މާ ގިނަ ދުވަހެއް ނުވެ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތަފްސީލްތައް،” ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ސަރުކާރުން ވަނީ މާލޭގައި ބިދޭސީން އުޅޭ ތަންތަނުގެ ހާލަތު އޮޅުން ފިލުވުމުގެ ސާވޭއެއް ވަރަށް ފަހުން ކޮށްފަ އެވެ. އެ ސާވޭގެ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.
މާލޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރާ ގިނަ ބިދޭސީންތަކެއް އުޅެނީ ވަރަށް ކުދިކުދި ތަންތަނުގައި އަދި ވަރަށް ބޮޑަށް ތޮއްޖެހިފައިވާ މާހައުލެއްގަ އެވެ. އެހެންވެ، މާލެ އަށް ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ވައިރަހެއް ފެތުރިއްޖެ ނަމަ އެ ކޮންޓްރޯލް ކުރަން އެންމެ އުނދަގޫ ވާނެ ތަނަކީ ބިދޭސީން އުޅޭ ގެތައް ކަމަށް ކަމާ ބެހޭ އޮފިޝަލުން ވިދާޅުވެ އެވެ.