މިދިޔަ މަހު ހުށަހެޅި އަނިޔާގެ މައްސަލަތައް މަދު: މިނިސްޓަރު

ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގައި ވެސް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް ގޭގައި ތިބެން މަޖުބޫރުވެފައި ވުމަކީ އަނިޔާގެ މައްސަލަތަކުގެ ސީރިއަސްކަން ބޮޑުވެދާނެ ކަމެއް ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި މީޑިއާ ބްރީފިންގައި، މި ކަންބޮޑުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅިގެން މިދިޔަ މަހު ހުށަހެޅީ 101 މައްސަލަ ކަމަށާއި ގެވެށި އަނިޔާ ރިޕޯޓްކުރި އަދަދަކީ 26 މައްސަލަ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހާއި ފެބުއަރީ މަހާ އަޅާބަލާއިރު ރިޕޯޓްކުރި އަދަދު މިދިޔަ މަހު ދަށްވެފައިވާއިރު، އޭގެ ފަހަތުގައި ސަބަބުތަކެއް ހުރެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފާއިތުވި ތިން މަސް ދުވަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު 121 މައްސަލަ، ފެބްރުއަރީ މަހު 169 މައްސަލަ އަދި މާޗު މަހު 101 މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ތަފާސް ހިސާބުން ބަލާލާއިރު، މާޗު މަހު ރިޕޯޓިން މަދު. މީގެ އެކި ސަބަބުތައް ވެސް ހުރެދާނެ. ގަބޫލުކުރަން ބޭނުންވަނީ ކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ހަމަ ހަގީގަތުގައި ވެސް ދަށީއޭ. އެކަމަކު އެއީ އުއްމީދެއް” މިނިސްޓަރު ވިދާޅުވިއެވެ.

އަދި ގެވެށި އަނިޔާ ލިބޭ ފަރާތް އެ އަނިޔާ ދޭ ފަރާތާއި އެކުގައި އުޅޭނަމަ އެ މައްސަލަ ރިޕޯޓު ކުރަން އުނދަގޫ ކަމަށް ދިރާސާތަކުން ދައްކާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެއް އޮތްނަމަ 1412 އަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށާއި އެ މައްސަލަ ރިޕޯޓުކުރުމުން ބަލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!