ރޯދަމަހަށް ތައްޔާރުތަ؟

އެހެން އަހަރުތަކާ ޚިލާފަށް، މި އަހަރުގެ ރޯދަމަސް އަންނަން އުޅޭކަން މާބޮޑަށް ފާހަގަ ނުވެދާނެއެވެ. ސަބަބަކީ، މިހާރު މުޅި ދުނިޔެއަށް ޖެހިފައިވާ ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވުމުގެ ގޮތުން، ގިނަބައެއްގެ އާންމު ދިރިއުޅުމަށް ބަދަލު ތަކެއް އައިސްފައި ވީތީއެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ބޭރަށް ނުނިކުމެވެ، ގޭގައި ބަންދުވުމެވެ. އެހެންނަމަވެސް، މި ދުވަސްތަކުގައި ވެސް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

އެންމެ ފުރަތަމަ ކަމަކަށް، މިދިޔަ ރޯދަމަހުގައި ގެއްލުނު ރޯދަތައް ނުހިފި ހުރިއްޖިއްޔާ، މިއީ އެ ރޯދަތައް ހިފައިލަން ވަރަށް ރަނގަޅު ދުވަސް ވަރަކަށް ވާނެއެވެ. އަދި އެ ރޯދަތައް ނުހިފައި ބެހެއްޓުމަށް އެއްވެސް އިތުރު ބަހަނާއެއް މިހާރު ނޯންނާނެ ނޫންހެވެ. ސަބަބަކީ، ގޭގައި މި ހޭދަވާ ދުވަސްތަކުގައި، އެއްވެސް އުނދަގުލަކާނުލައި ރޯދަ ހިފައި ނިންމައިލެވޭނެތީއެވެ. ކިޔަވައިދޭ ތަންތަނާއި އޮފީސްތައް ވެސް ބަންދުވެފައި އޮތުމުން، އިތުރު ވަރުބަލިކަމަށް އިޙުސާސެއް ނުވާނެއެވެ.

ރޯދަމަސް އަންނަން ވާއިރަށް ގޭތެރެ ފޮޅައި ސާފުކުރުމަކީ، އެންމެ ކުރިން ފެށިގެން ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. އެހެންކަމުން، މި ދުވަސްވަރު ވާނީ އެކަމަށް ލިބޭނެ އެންމެ ފުރިހަމަ ދަނޑިވަޅަށްކަން ޔަޤީނެވެ. ސަބަބަކީ، ގޭގެ އެންމެން އެއްތަން ވެގެން، ގޭތެރެ ސާފުކޮށްލަން މިހާރު ވަގުތު އޮންނާނެތީއެވެ.

ކޮރޯނާވައިރަސް އެއްކޮށް ނައްތާލެވި، އެކަމުން އަރައިގަނެވޭނީ ކޮންދުވަހަކުން ކަމެއް އަދި ޔަޤީނެއް ނޫނެވެ. އެހެންކަމުން، ރޯދަމަސް އަންނަން ވާއިރަށް ވެސް މި ޙާލަތު ބަދަލުނުވެ މިގޮތަށް އޮވެއްޖެނަމަ، އެހެން ރޯދަ މަސްތަކުގައި އާއިލާގެ އެކި މީހުންނާއި ރައްޓެހިންނަށް ދަޢުވަތުދީގެން ރޯދަ ވީއްލުންތަކަށާއި ތަރާވީހަށް ގެންނަހެން، މިފަހަރު ގެނައުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވާނެއެވެ. އެއީ، ގިނަބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ ވައިރަސް ފެތުރުމަށް މެދުވެރިވާ ކަމަކަށް ވާތީއެވެ. އެހެންކަމުން، މިފަހަރުގެ ރޯދަމަހުގައި އާއިލާގެ މީހުންނާއި، އެކުވެރިންނާ ގުޅުން ބަދަހިކުރާނެ އިތުރު ގޮތްތަކެއް ވިސްނައިލާށެވެ. އެއް ގޮތަކީ، އެއްގެއިން ކާތަކެތި ތައްޔާރުކޮށްފައި، ތަށިބަރިއަށް އަޅައިގެން އަނެއް ގެއަށް ފޮނުވުމެވެ. މިއީ ގިނަބަޔަކު އިޚްތިޔާރު ކުރާނެ ގޮތެއްކަން ޔަޤީނެވެ.

އެހެން ރޯދަމަސްތަކާ މި ރޯދަމަސް ހާލަތުގެ ގޮތުން ތަފާތުވިޔަސް، މިއީ ހަމަ އެހެން ފަހަރުތަކެކޭ އެއްގޮތަށް އަންނަ އަޅުކަމަށް ޙާއްސަ މަހެއްކަން ހަނދާން ނައްތައިނުލައްޗެވެ. އަދި މި ދަނޑިވަޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، ވީހާވެސް ގިނައިން އަޅުކަންތަކަށް ވަގުތު ދެވޭތޯ ބަލާށެވެ. އުއްމީދަކީ، މަތިވެރި ރޯދަމަސް އައުމުގެ ކުރިން، ކޮވިޑް-19 އިން އަޅުގަނޑުމެން އެންމެން ސަލާމަތްވެ، ޤައުމު ހަމަ މަގަށް އެޅުމެވެ. އަދި މުޅި ދުނިޔެވެސް މި ބަލިމަޑުކަމުން އަރައިގަނެ، އަމާންކަން ވެރިވުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!